








-
މާފުށީ ޖަލުގައި ތިބި ޤައިދީންނާއި ބަންދުމީހުންގެ ތެރެއިން، ޚާއްޞަ ބަލިތަކާބެހޭ ޑޮކްޓަރުންނަށް ދެއްކުމަށް ރިފަރކޮށްފައިވާ ފަރާތްތަކަށް އަމާޒުކޮށްގެން ޕައިން ޓްރީ މެޑިކް ސެންޓަރާ ގުޅިގެން ޚާއްޞަ މެޑިކަލް ކޭމްޕެއް އިއްޔެ ބާއްވައިފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން މަޢުލޫމާތު ދެއްވި ގޮތުގައި، މި މެޑިކަލް ކޭމްޕުގެ ތެރެއިން ޖުމްލަ 40 ޤައިދީންނާއި ބަންދުމީހުން ވަނީ ޚާއްޞަ ޑޮކްޓަރުންނަށް ދައްކައި، ބޭނުންވާ ޞިއްޙީ ލަފައާއި ފަރުވާ ހޯދާފައެވެ.
އެގޮތުން، މި ކޭމްޕުގައި ފަރުވާ ދެވިފައިވަނީ ކަށީގެ ޚާއްޞަ ޑޮކްޓަރަކަށާއި، ކަންފަތް، ކަރުންމަތީގެ ބަލިތަކަށް ޚާއްޞަ (އީއެންޓީ) ޑޮކްޓަރަކަށް ދެއްކުމަށް މީގެކުރިން ޖަލުގެ މެޑިކަލް އޮފިސަރުން ރިފަރކޮށްފައިވާ ފަރާތްތަކަށެވެ.
މިއީ ޖަލުތަކުގައި ތިބޭ ޤައިދީންނާއި ބަންދުމީހުންނަށް ބޭނުންވާ އަސާސީ ޞިއްޙީ ޚިދުމަތްތައް ލުއިފަސޭހަކަމާއެކު ފޯރުކޮށްދިނުމަށާއި، ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކުމުގައި ހުންނަ ދަތިތަކަށް ޙައްލެއް ހޯދައިދިނުމަށް ކަރެކްޝަނަލް ސަރވިސްއިން ކުރިއަށްގެންދިޔަ މުހިންމު ޕްރޮގްރާމެކެވެ.




