


.jpg?w=3840&q=75)

.png?w=3840&q=75)



ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ދަށަށް ދާތަން ދަނީ ފެންނަމުންދާ ކަމަށާއި މިއީ ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތައް ލިބުނު ކުރިއެރުމެއް ކަމުގައި އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ ބްލެކްމާކެޓުގައި ޑޮލަރު ވިއްކުން ހުއްޓުވުމަށް ސަރުކާރުން އެޅި ފިޔަވާޅުތަކާއެކު ޑޮލަރުގެ އެކްސްޗޭންޖް ރޭޓް ދަށްވަމުންދާތަން ފެންނަމުންދާކަމަށާއި ސަރުކާރު ހަވާލުވިއިރު، ހުރި ރޭޓަށްވުރެ ދަށަށް ގޮސްފައިވާ ކަމަށެވެ.
އެގޮތުން މިހާރު ހުރީ 19 ރުފިޔާ އަށް ކަމަށާއި މިއީ ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ލިބުނު ކުރިއެރުމެއް ކަމުގައި ވިދާޅުވިއެވެ. އަދި ބޭރުފައިސާ މާރުކުރުމުގެ ލައިސަންސާއި ހުއްދަތައް އޮތްގޮތާއި ޚިލާފަށް ރަސްމީ ރޭޓުގެ ބޭރުން ފައިސާ މާރުކުރުމުގެ މައްސަލަ އޮތީ ވަރަށް ބޮޑުވެފައިކަމަށާއި އެކަމަކު ބޭރު ފައިސާއާއި ގުޅޭ ޤާނޫނަށް ގެނައި ބަދަލުތަކާއި ބްލެކް މާކެޓް ހުއްޓުވުމަށް އެޅި ފިޔަވަޅުތަކާއެކު މިހާރު ބޭރު ފައިސާ ބްލެކް މާކެޓްގައި ބޮޑެތި އަގުގައި ވިއްކާ އަގު ދަށްވަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިފަދަ ކުޑަކުޑަ އިޤްތިޞާދެއްގައި މިގޮތަށް މިކަން އޮވެގެން ނުވާނެކަމަށާއި ބްލެކް މާކެޓް މައްޗަށް ދިޔަ މިންވަރަށް އިޝާރަތްކުރައްވާ ވިދާޅުވީ، ބައެއް ބޮޑެތި ކުންފުނިން މުސާރަ ދޭއިރުވެސް ބްލެކް މާކެޓް ރޭޓަށް ރިޢާޔަތްކޮށް މުސާރަ ދެމުންދިޔަކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ކަޅު ބާޒާރުގައި ޑޮލަރު ވިއްކުމުގެ މައްސަލަ ޙައްލުކުރުމަށް ބޭރު ފައިސާގެ އާމްދަނީ ލިބޭ މީހުންނާ ވަރަށް ގާތުން މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ސަރުކާރުން މިކުރާ މަސައްކަތް ހުއްޓާނުލާނެކަމުގެ ޔަގީންކަން ވެސް ދެއްވިއެވެ.



.jpg?w=3840&q=75)



.jpeg?w=3840&q=75)
