








-
ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް، މިޞްރުގެ ޚާރިޖީ ވަޒީރު ބަދުރު ޢަބްދުލްޢާޠީއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ކުރިޔަށް ގެންގޮސްފައިވަނީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ޚާރިޖީ ވަޒީރުންގެ މަޖިލީހުގެ 52 ވަނަ ބައްދަލުވުމުގެ ހަވާސާގައިއެވެ.
މި ބައްދަލުކުރެއްވުމާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު އިރުތިޝާމް ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި އޮތް އަގުހުރި ބައިވެރިވުން އިތުރަށް ހަރުދަނާކޮށް، އެކި ދާއިރާތަކުން ދޭދޭ ގުޅުން ފުޅާކުރުމަށް ދިވެހިރާއްޖެއިން އަބަދުވެސް ތައްޔާރަށް އޮތް ކަމުގެ ޔަޤީންކަން މިޞްރުގެ ޚާރިޖީ ވަޒީރަށް އެރުވި ކަމަށެވެ.
މީގެއިތުރުން، ރާއްޖެއާއި މިޞްރާ ދެމެދު ޒަމާނުއްސުރެ އޮންނަ ގާތް އަޚުވަންތަ ގުޅުން ދިވެހިރާއްޖެއިން ވަރަށް ބޮޑަށް އަގުވަޒަންކުރާ ކަމަށާއި، ދެ ޤައުމުގެ ލާބައާއި މަންފާއަށްޓަކައި ޢާންމު މަޞްލަޙަތު ހިމެނޭ އެކި ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމުގެ ޢަޒުމުގައި ރާއްޖެ ސާބިތުވެ ދެމިއޮންނާނެ ކަމަށްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
ޢިރާޤުގެ ބަޣުދާދުގައި މިހާރު ކުރިއަށްދާ އޯއައިސީގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ ހަވާސާގައި ރާއްޖޭގެ ޚާރިޖީ ވަޒީރު ދަނީ އިސްލާމީ އެކި ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާ ބައްދަލުކުރައްވައި، ރާއްޖެއާ އެ ޤައުމުތަކާ ދެމެދު އޮތް ގުޅުންތައް އިތުރު ހަރުފަތަކަށް ގެންދިއުމަށް މުހިންމު މަޝްވަރާތަކެއް ކުރައްވަމުންނެވެ.








