މިނިސްޓަރު ސައީދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން- ފޮޓޯ: ރައީސް އޮފީސް
"ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026" ގައި ބައިވެރިކުރާ އުފެއްދުންތަކުގެ އަދަދު މިދިޔަ އަހަރާއި އަޅާބަލާއިރު 100% އިތުރު ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ މި އަހަރުގައި މުޅި މައުރަޒުވެސް ސްޓޭންޓްއައުޓްވެގެންދާނެ ކަމަށެވެ.
މައުރަޒުގައި ބައިވެރިވި ބައިވެރިންނަށް އަލިއަޅުއްވާލައި މިނިސްޓަރު ވިދާޅުވީ މި އަހަރުގެ މައުރަޒުގައި މިދިޔަ އަހަރާއި އަޅާބަލާއިރު، 225% ކުރިއެރުމެއް ލިބިފައިވާކަމަށެވެ. އެގޮތުން މިދިޔަ އަހަރުގައި މައުރަޒުގައި ބައިވެރިވީ 240 ބައިވެރިންނަށްވާއިރު، މި އަހަރުގެ މައުރަޒުގައި ބައިވެރިވީ 780 ބައިވެރިން ކަމަށް މިނިސްޓަރު ސައީދު ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވީ މި އަހަރުގައި ބައިވެރިކުރާ އުފެއްދުންތަކުގެ އަދަދުވެސް ބޮޑު ތަނުން އިތުރުވެެފައިވާ ކަމަށެވެ. އެގޮތުން މިދިޔަ އަހަރު 2400 އުފެއްދުން ބައިވެރިކޮށްފައިވާއިރު، މި އަހަރުގައި ބައިވެރިކޮށްފައިވާ އުފެއްދުންތަކުގެ އަދަދު 4800 އަށް އަރާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ދެން މީގެ އިތުރަށް ބައިވެރިކުރާ ތަކެއްޗަށް ބަލައިފިކަމަށްވަންޔާ 100% އިތުރުވުމެއް މިއީ. އެއީ 2400 އައިޓަމްގެ ބަދަލުގައި 4800 އައިޓަމް. އެއް ދުވަހުން ބަލާވެސް ނުލެވޭނެ ރަނގަޅަށް ބައްލަވަންޏާ.އެހާ ބޮޑު ތަފާތެއް މި އަންނަނީ" މިނިސްޓަރު ވިދާޅުވި އެވެ.
މީގެއިތުރުން މިނިސްޓަރު ވަނީ މިދިޔަ އަހަރުގައި ލިބުނު ތަރުހީބަށް އަލިއަޅުއްވާލާފަ އެވެ. އެގޮތުން ރާއްޖޭގެ އެކި ހިސާބުތަކުން ރައްޔިތުން މިިދިޔަ އަހަރުގެ މައުރަޒަށް ޒިޔާރަތްކޮށްފައިވާއިރު، ޕޮޒިޓިވް ކޮމެންޓްތައް ލިބިފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވަނީ މިއީ ގައުމީ ކަމެއްކަމަށް ދެކިގެން ރައްޔިތުން ތަރުހީބު ދެއްވާކަން ފާހަގަކުރައްވާފަ އެވެ.
މިއަހަރުގެ ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު އޮންނާނީ އޮކްޓޯބަރު 25 އިން 2 ނޮވެންބަރަށެވެ.
އުފެއްދުންތެރިކަމުގެ މައުރަޒަކީ، ދިވެހިރާއްޖޭގެ އުފެއްދުންތެރިންނާއި ހުނަރުވެރިންގެ ހުނަރާއި އުފެއްދުންތައް އެއްތަނަކުން ދައްކާލާ، މާކެޓު ކުރުމުގެ ފުރުޞަތު ހޯދައިދިނުމަށް އިންތިޒާމުކުރާ އެންމެ ބޮޑު މައުރަޒެވެ.














