







ސްކޫލް ކުދިން
ސްކޫލްތަކާއި ހޮސްޕިޓަލްތައް ފަދަ ޢާންމު ޚިދުމަތްތައް ދޭ މުހިންމު ތަންތަން ހުންނަ ސަރަހައްދުތަކުގެ މަގުތައް، ޚާއްޞަ ސަމާލުކަމެއް ދީގެން ބަލަހައްޓަން ފަށައިފިއެވެ.
މިކަން ހާމަކުރެއްވީ އެކި ވުޒާރާތައް ގުޅިގެން މަސައްކަތްކުރާ ރޯޑް ސޭފްޓީ ކައުންސިލްގެ ނިންމުންތަކާއި މަސައްކަތްތަކާ ގުޅޭ ތަފްސީލު ހިއްސާކުރެއްވުމަށް މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި މަޢުލޫމާތު ދެއްވަމުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު ވިދާޅުވީ، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަކީ ވަކި ބައެއްގެ އެކަނި މަސްލަހަތު އޮތް ކަމެއް ނޫން ކަމަށާއި، އެއީ އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހަރުދަނާ އުސޫލުތަކަކުން ބަލަހައްޓަންޖެހޭ ކަމެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، މި މަސައްކަތުގެ ދަށުން ޚާއްޞަ އިސްކަމެއް ދީގެން ފުލުހުން މިހާރުވެސް ދަނީ މަގުމަތީގައި ހަރަކާތްތެރިވަމުންނެވެ. އަދި ކުރިއަށް އޮތް ތަނުގައި މި މަސައްކަތް އިތުރަށް ހަރުދަނާކޮށް، ވަރުގަދަ ފިޔަވަޅުތަކަކާއެކު ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ވަކިން ޚާއްޞަކޮށް ސްކޫލްތަކާއި ހޮސްޕިޓަލްތައް ކައިރީގައި ޓްރެފިކް ބެލެހެއްޓުމާއި، މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެވޭނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ޢާންމު ދަތުރުފަތުރުގެ ޚިދުމަތް ދޭ ބަސްތައް ދަތުރުކުރާ މަގުތަކާއި، ސްކޫލްތަކާއި ހޮސްޕިޓަލްތައް ހުންނަ ސަރަހައްދުތަކުގައި ދަތުރުފަތުރަށް ދަތިވާ ގޮތަށް ޤަވާޢިދާ ޚިލާފަށް ޕާކުކުރާ މައްސަލަ ހައްލުކުރުމަށް ޚާއްޞަ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށްވެސް މިނިސްޓަރު ސަޢީދު ވިދާޅުވިއެވެ.
މި ފިޔަވަޅުތަކުގެ މައިގަނޑު ބޭނުމަކީ މަގުތައް ބޭނުންކުރާ އެންމެހާ ފަރާތްތަކަށް، ޚާއްޞަކޮށް ކިޔަވާ ކުދިންނާއި ބަލިމީހުންނަށް ރައްކާތެރި އަދި އަމާން މާޙައުލެއް ޤާއިމުކޮށްދިނުމެވެ.







