








President Muizzu
ދަނޑުވެރިންނަށް ލިބޭ އާމްދަނީ އާއި ނަފާ އިތުރުވާނެ މަގު ފަހިކޮށްދިނުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަޒުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ގައުމީ ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ހާއްސަ މެސެޖެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ދިވެހިރާއްޖޭގެ އިގުތިސާދު ސިންދަފާތުކޮށް ގައުމީ ފެންވަރެއްގައި ކާބޯތަކެތީގެ ރައްކާތެރިކަން ގާއިމުކުރުމަށްޓަކައި ދަނޑުވެރިން ކުރަމުންދަނީ އަގުހުރި މަސައްކަތްތަކެއްކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި ބޭރުން ތަކެތި އެތެރެކުރާ މިންވަރު މަދުކޮށް، ތިމާވެއްޓާ އެކަށޭނަ އުސޫލުތަކުން އަމިއްލަ ގައުމުގައި ކާބޯތަކެތި އުފެއްދުމަކީ ދިވެހި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލާ ސީދާ ގުޅިފައިވާ ކަމެއްގެ ގޮތުގައި ބަޔާންކުރެއްވިއެވެ.
މީގެއިތުރުން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގަށް އަންނަ ބަދަލުތަކުންނާއި ދަތުރުފަތުރުގެ ދަތިތަކުން ސަލާމަތްވުމަށް ރާއްޖޭގައި އުފައްދާ ކާބޯތަކެތީގެ މިންވަރު އިތުރުކުރަންޖެހޭ ކަމަށާއި މި ސިނާއަތު ފުޅާވުމުން ގައުމުން ބޭރުވާ ބޭރު ފައިސާ ހިފެހެއްޓި، އަތޮޅުތަކުގެ ރަށްރަށުގައި ވަޒީފާގެ އާ ފުރުސަތުތައް ތަނަވަސްވެގެންދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖެއަށް ބޭނުންވާ މުހިންމު ބާވަތްތައް އެތެރެނުކޮށް ރާއްޖޭގައި ހައްދައިގެން މާރުކޭޓުތަކަށް ނެރެވޭނެ އިންތިޒާމު ހަމަޖެއްސެވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މި މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ އެންމެހައި ދަނޑުވެރިންނަށާއި، އެ ފަރާތްތަކުގެ އާއިލާތަކުގެ އިތުރުން މި ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް ދުވަހުގެ އިހުލާސްތެރި ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.
ދިވެހިރާއްޖޭގައި ކޮންމެ އަހަރެއްގެ ވެސް އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަސް ފާހަގަކުރަނީ ގައުމީ ދަނޑުވެރިންގެ ދުވަހުގެ ގޮތުގައެވެ. މި ދުވަސް ހާއްސަކޮށްފައިވަނީ ގައުމުގެ ކާބޯތަކެތީގެ ޔަގީންކަން ދެމެހެއްޓުމަށާއި އިގުތިސާދު ވަރުގަދަކުރުމަށް ދަނޑުވެރިން ކުރާ ބުރަ މަސައްކަތްތައް ބަލައިގަނެ އަގުވަޒަންކުރުމަށެވެ. މީގެއިތުރުން ދަނޑުވެރިކަމަށް މީހުން އަހުލުވެރިކުރުވައި، ޒަމާނީ ވަސީލަތްތަކާއެކު ދެމެހެއްޓެނިވި ގޮތެއްގައި މި ސިނާއަތް ކުރިއެރުވުމަށް ބާރުއެޅުމަކީ ވެސް މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު އެއް މަގުސަދެވެ.







.jpg?w=3840&q=75)
