








ބަނގުރާގެ މައްސަލާގައި ހައްޔަރުކުރި މީހާ- ފޮޓޯ: ފުލުހުން
މާލޭގައި ފުޅާދާއިރާއެއްގައި ގަވައިދާ ހިލާފަށް ބަނގުރާ ފޯރުކޮށްދެމުންދިޔަ ނެޓްވޯކްގައި އިސްކޮށް ހަރަކާތްތެރިވާކަމަށް ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ވޭ ހ. ކަރޯގެ / މާލެ، މުޙައްމަދު ރަޝްވާން ޢައްބާސް (53އ) ކަމަށެވެ.
ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވަނީ މި މަހުގެ 13 ވަނަ ދުވަހު ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށްފައިވަނީ މާލޭގައި ފުޅާދާއިރާއެއްގައި ގަވާއިދާ ޚިލާފަށް ބަނގުރާ ފޯރުކޮށްދެމުންދިޔަ ނެޓްވޯކަކަށް އަމާޒުކޮށް ފުލުހުން ހިންގި އޮޕަރޭޝަންގައި ހެންވޭރު ގެއެއް ބަލައިފާސްކޮށް އަތުލައިގަތް ބަނގުރާ ފުޅިތަކުގެ މައްސަލައާ ގުޅުންހުރިގެން ކަމަށް ފުލުހުން ބުންޏެވެ.
މީގެއިތުރުން ފުލުހުން ބުނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އިއްޔެ 15 ދުވަހަށް ބަންދުކުުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
މި މަހުގެ 12 ވަނަ ދުވަހު މި އޮޕަރޭޝަންގައި ހ.މާދޫގޭގައި ގުޅުންހުރި ތަންތަން ބަލައި ފާސްކޮށް ޖުމްލަ 826 ފުޅި ބަނގުރާ އަތުލައިގެންފައި ވެއެވެ. އަދި މި މައްސަލާގައި ބަންގްލަދޭޝް 3 މީހުން ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހާފައިވެ އެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.








