







އިސްލާމިކް މިނިސްޓްރީއާއި އުރީދޫ ގުޅިގެން ކުރިއަށްގެންދާ "އުރީދޫ މަސްޖިދުނާ" އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާހުކުރުން- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީއާއި އުރީދޫ މޯލްޑިވްސް ގުޅިގެން، އެ ކުންފުނީގެ ސީއެސްއާރުގެ ދަށުން ރާއްޖޭގެ މިސްކިތްތައް މަރާމާތުކުރުމަށް "އުރީދޫ މަސްޖިދުނާ" އިނިޝިއޭޓިވް ރަސްމީކޮށް އިފްތިތާހްކޮށްފި އެވެ.
މި އިނިޝިއޭޓިވް ރަސްމީކޮށް އިފްތިތާހުކޮށްފައިވަނީ އިސްލާމިކް މިނިސްޓްރީ އާއި އުރީދޫ މޯލްޑިވްސް ޕީ.އެލް.ސީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި މަޝްރޫއުގެ މަގްސަދަކީ ރޯދަ މަހަށް ތައްޔާރުވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މިސްކިތްތައް މަރާމާތުކޮށް، އެ ތަންތަނުގެ ހާލަތު ރަނގަޅުކުރުމަށް އެހީތެރިވެދިނުން ކަމަށެވެ. އަދި މިއީ ދީނީ އިމާރާތްތަކާއި ވަސީލަތްތައް ހަރުދަނާކުރުމަށާއި، ރާއްޖޭގެ އާބާދީތަކުގެ ބޭނުންތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދެ ފަރާތުން ގުޅިގެން ކުރިއަށްގެންދާ މަސައްކަތެއްކަމަށްވެސް މިނިސްޓްރީން ފާހަގަކުރި އެވެ.
""އުރީދޫ މަސްޖިދުނާ" ގެ ދަށުން، ކޮންމެ އަހަރަކުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުން ފަސް މިސްކިތެއް މަރާމާތުކުރުމަށް އުރީދޫ މޯލްޑިވްސް އިން އަމާޒުކޮށްފައިވާއިރު، މި މަސައްކަތްތައް ނިންމުމަށް ހަމަޖެހިފައިވަނީ ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހުގެ ކުރިންކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
"އުރީދޫ މަސްޖިދުނާ" އިނީޝިއޭޓިވްއަކީ ރާއްޖޭގެ އިސްލާމީ އުމްރާނީ ތަރައްގީ ކުރިއެރުވުމުގައި ސަރުކާރާއި އަމިއްލަ ކުންފުނިތަކާ ގުޅިގެން ކުރާ މަސައްކަތްތައް ހަރުދަނާކުރުމަށް މިނިސްޓްރީން ކުރަމުންދާ ދެމެހެއްޓެނިވި މުހިންމު މަސައްކަތްތެކެވެ. މި ގުޅުމުގެ ތެރެއިން، މިނިސްޓް ރީއާއި އުރީދޫ މޯލްޑިވްސްގެ އަމާޒަކީ މިސްކިތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް އެހީތެރިވެދިނުމެވެ.







