







ޑޫއޭ އަދި ޑެމްބެލޭ ސިޓީ ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ...
ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ރަށުން ބޭރުގައި މެންޗެސްޓާ ސިޓީ އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 4-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ އިން އެޓީމުގެ ފެންވަރު ދައްކާލައިފިއެވެ.
މިސީޒަނުގެ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ ކުޅުނު ފުރަތަމަ މެޗުގައި ސްލޮވަން ބަޓިސްލާވާ އަތުން 6-1 ގެ ތަފާތުބޮޑު ނަތީޖާއަކުން މޮޅުވެފައިވާއިރު، ސިޓީގެ ފުރަތަމަ މެޗުގަައި އެޓީމުން ވަނީ 2-0 ގެ ނަތީޖާއަކުން ޕޯޓޯ ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު ވެސް 4-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޕީއެސްޖީ އިންނެވެ.
ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ޕީއެސްޖީ އިން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން ޕީއެސްޖީ ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ސިޓީ އިން ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ.
ނަތީޖާއެއްގެ ގޮތުން މިހާފުގައި މެންޗެސްޓާ ސިޓީ އިން ދެލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ޕީއެސްޖީ އިން ވެސް ވަނީ އިތުރު އެއްލަނޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން މިމެޗުގައި ޕީއެސްޖީގެ ޑިޒެއާ ޑޫއޭ، ވިޓީނިއާ، އުސްމާން ޑެމްބެލޭގެ އިތުރުން މަގްނެސް އަކްލިއޫޝް މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގައި ސިޓީގެ ދެލަނޑު ވެސް ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑް އެރްލިން ހާލަންޑް އެވެ.
މިނަތީޖާއެކު ކުޅުނު ދެމެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ތާވަލުގެ އެއްވަނައިގައި ޕީއެސްޖީ މިވަގުތު އޮތްއިރު، މިމެޗުން ބަލިވި މެންޗެސްޓާ ސިޓީ ކުޅުނު ދެމެޗުން ހޯދި ތިން ޕޮއިންޓާއެކު ލަނޑުގެ ތަފާތު މިވަގުތު އޮތީ ތާވަލުގެ 17 ވަނައިގައެވެ.







