








ރެއާލް މެޑްރިޑާއި ރޯމާ ވާދަކުރި މެޗުގެ ތެރެއިން...
ޔުއެފާ ޗެމްޕިއަންސް ލީގު ލީގު ފޭސްގައި ރޭ ރަށުން ބޭރުގައި ރޯމާ އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 4-3 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކާމިޔާބުކޮށްފިއެވެ.
މިސީޒަނުގެ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑް ކުޅުނު ފުރަތަމަ މެޗުގައި އިންޓަ މިލާން އަތުން 2-1 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ރޯމާގެ ފުރަތަމަ މެޗުގައި ފެނަބާޗޭ އާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ރޯމާ އިން މެޗު ޑޮމިނޭޓްކުރިއިރު، މެޗުގެ 20 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފިލްޑަރު މާޓެން ޑެ ރޫންއެވެ.
ނަމަވެސް އޭގެ ފަސް މިނެޓް ފަހުން ކިލިއަން އެމްބާޕޭ ވަނީ ލަނޑެއް ކާމިޔާބުކޮށް ރެއާލް މެޑްރިޑަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ވެސް ވަރުގަދަކޮށް ފެށީ ރޯމާ އިންނެވެ. އަދި އެޓީމުން ދެވަނަ ފަހަރަށް މެޗުގެ ލީޑު ހޯދި ލަނޑު ދެވަނަ ހާފުގެ 51 ވަނަ މިނެޓުގައި ޑޮންޔެލް މާލަން ކާމިޔާބުކުރިއިރު، އޭގެ ހަ މިނެޓު ފަހުން މާލަން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެެވެ.
މިއާއެކު ރެއާލް މެޑްރިޑުން ބަދަލުތަކެއް ގެނައިއިރު، އެޓީމުން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު މެޗުގެ 83 ވަނަ މިނެޓުގައި ކާލޯސް އެސްޕީ ކާމިޔާބުކުރިއިރު، އޭގެ ދެ މިނެޓް ފަހުން އެޑްރިކް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ރެއާލްއަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި މި ދެކުޅުންތެރިންނަކީ ވެސް ދެވަނަ ހާފުގައި ކުޅެން ނުކުތް ދެ ކުޅުންތެރިންނެވެ.
މިމެޗުން ރެއާލް މެޑްރިޑް މޮޅުވި ލަނޑު މެޗުގެ 90 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު އެންޓޯނިއޯ ރުޑިގާއެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-3 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު ކުޅުނު ދެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ތާވަލުގެ އަށްވަނައިގައި ރެއާލް މެޑްރިޑް މިވަގުތު އޮތްއިރު، މިމެޗުން ބަލިވި ރޯމާ، ކުޅުނު ދެމެޗުން ހޯދި އެއްޕޮއިންޓާއެކު މިވަގުތު އޮތީ ތާވަލުގެ 25 ވަނައިގައެވެ.








