







ރާއްޖޭގެ ރިސޯޓެއް
ރިސޯޓު ކުލީގެ ގޮތުގައި ދައުލަތަށް މިހާތަނަށް 1.6 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ އެވެ.
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެހެން އަހަރުތަކަށްވުރެ މި އަހަރު ރިސޯޓު ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރު އެވެ.
އެގޮތުން މި އަހަރުގެ ފުރަތަމަ 9 މަސްދުވަހު ރިސޯޓު ކުލީގެ ގޮތުގައި ދައުލަތަށް 1.6 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތަށް އަޅާބަލާއިރު 10.8% އިތުރުވުމެކެވެ.
މީގެއިތުރުން ޓޫރިޒަމް މިނިސްޓްރީން ނެރިފައިވާ ޑެއިލީ އަޕްޑޭޓް ރިޕޯޓުން ދައްކާގޮތުގައި ރާއްޖޭގައި މި ވަގުތު 184 ރިސޯޓު ރަޖިސްޓްރީކޮށްފައިވީ ނަމަވެސް ފަތުރުވެރިންނަށް ހިދުމަތް ދެމުންދަނީ 180 ރިސޯޓެވެ.
ރާއްޖޭގައި ފަތުރުވެރިން އެންމެ ގިނައިން ޗުއްޓީ ހޭދަކުރަނީ ރިސޯޓުތަކުގަ އެވެ. އަދި އަހަރުގެ މިހާތަނަށް ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން 1.2 މިލިޔަނަށްވުރެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައި ކަމަށް މިނިސްޓްރީގެ ތަފާސްހިސާބުތަކުންދައްކަ އެވެ.
ސަރުކާރުން ފަތުރުވެރިކަން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު މިހާރުވެސް ރާއްޖޭގައި ފަތުރުވެރިކަމަށް ދޫކޮށްފައިވާ ގިނަ އަދަދެއްގެ ރަށްތަކާއި ފަޅުތައް ރިސޯޓު ތަރައްޤީ ނުކުރެވި ގިނަ ދުވަސްވެފައި އެބަހުއްޓެވެ.
މިކަމާއި ގުޅިގެން މިނިސްޓަރު މުހައްމަދު އަމީން ދާދިފަހުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އަދި ނުހުޅުވި ހުޅި ފަޅުތަކާއި، ރަށްތަކުގެ އަދަދު 161 އަށް އަރާކަމަށް މިނިސްޓަރު ފާހަގަކުރައްވާ ވިދާޅުވީ މި ތަންތަނުގެ ތެރޭގައި 25 އަހަރާއި 20 އަހަރު ވެފައިވާ ތަންތަންވެސް އެބަހުރި ކަމަށެވެ. އަދި މި ތަންތަނުން ދައުލަތައް ދައްކަންޖެހޭ ލޭންޑް ރެންޓްގެ އަދަދުތައް 500 މިލިޔަން ޑޮލަރަށްވުރެ އިތުރުވެފައިވާއިރު، މިގޮތަށް ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ރަށްތަކާއި، ފަޅުތައް ތަރައްގީކުރުން ލަސްވެގެން ދިގުދެމިގެންދާ ތަންތަނާއިމެދު އަމަލުކުރާނެ ގޮތުގެ ގަވައިދެއް މިހާރު ވަނީ އެކުލަވާލާފަ އެވެ. މި ގަވައިދުގައި އެ ތަންތަނުގެ އެއްބަސްވުން ބާތިލު ކުރެވޭނެ ގޮތްތައްވެސް ބަޔާންކޮށްފައިވެ އެވެ.



