



.jpg?w=3840&q=75)




ވިލަރެއާލް އާއި ރެއާލް މެޑްރިޑް ވާދަކުރި މެޗުގެ ތެރެއިން...
ލަލީގާއި ރެއާލް މެޑްރިޑް އެންމެ ފަހުން ވިލަރެއާލް އާއި ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި އެޓީމުގެ ބްރެޒިލް ފޯވާޑް ވިނީޝިއަސް ޖޫނިއަރއަށް ދެއްކި ރަތްކާޑާއެކު، ވިނީ ހަތަރު މެޗަށް ސަސްޕެންޑްކުރުމަށް ސްޕެނިޝް ފުޓްބޯޅަ ފެޑަރޭޝަނުން ނިންމައިފިއެވެ.
ފަހަކަށް އައިސް ކުލަބަށާއި ގައުމީ ޓީމުގައި ވެސް ވިނީޝިއަސްގެ އެންމެ މޮޅު ކުޅުން ދެއްކިފައިނުވާއިރު، ވިލަރެއާލް އާއި ދެކޮޅަށް ވިނީޝިއަސް ކުޅެން ނުކުތީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެގޮތުގައެވެ. އަދި މެޗުގެ 73 ވަނަ މިނެޓިގައި ވިނީޝިއަސް ވަނީ ލަނޑެއް ވެސް ކާމިޔާބުކޮށްފައެވެ.
ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ ލަނޑުޖެހުމުގެ ކުރިން ވިނީޝިއަސް ވިލަރެއާލްގެ ކުޅުންތެރިއަކަށް ފައުލްކޮށްފައިވާކަމަށެވެ. އަދި ރެފްރީ ވަނީ ވިލަރެއާލްއަށް ޖެހުމެއް ދިނުމުގެ އިތުރުން ވިނީޝިއަސްއަށް ސީދާ ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލާފައެވެ.
މިއާއެކު ވިނީޝިއަސް ރުޅިގަދަ ވަނީ ރެފްރީއާއި ކުރިމަތިލާން މަސައްކަތްކޮށްފައެވެ. އަދި ރެއާލްގެ ކުޅުންތެރިން ވިނީ ހުއްޓުވި ނަމަވެސް ރެފްރީގެ މެޗު ރިޕޯޓުގައި ވަނީ އެކަން ފާހަގަކޮށްފައެވެ.
މިމައްސަލަ ބެލުމަށްފަހު ލަލީގާ އިން ވިނީޝިއަސް ހަތަރު މެޗަށް ސަސްޕެންޑްކޮށްފައިވާއިރު، ލީގުގައި ރެއާލްްއަށް ކުރިއަށް އޮތް ސެވިއްޔާ، ބާސެލޯނާ، ރޭސިންގް ސަންޓެންޑާ އަދި ވެލެންސިއާ އާއި ދެކޮޅަށް ކުޅޭ މެޗުގައި ވިނީއަކަށް ނުކުޅެވޭނެއެވެ.
ލީގުގައި ކޮންމެ ޓީމަކުން އަށް މެޗު ކުޅެފައިވާއިރު، ރެއާލް މެޑްރިޑް މިވަގުތު އޮތީ 18 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނައިގައެވެ. އަދި އެއްވަނައިގައި މިވަގުތު އޮތް ބާސެލޯނާ އާއި ރެއާލް މެޑްރިޑާއި ދެމެދު މިވަގުތު ހަ ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.




.jpg?w=3840&q=75)



