







ފިހާރައެއްގައި ތަރުކާރީ
ވިޔަފާރިތަކުގައި ވިއްކަން ހުންނަ ތަކެތީގެ އަގު ޖަހަން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން އިލްތިމާސްކޮށްފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ ވިޔަފާރި ކުރާ ތަންތަނުގައި ވިއްކަން ބަހައްޓާފައި ހުންނަ ގިނަ އަދަދެއްގެ މުދަލުގައި މުދާ ގަންނަފަރާތްތަކަށް ސާފުކޮށް އެނގޭނޭހެން މުދަލުގެ އަގު ޖަހާފައި ނުހުންނަކަމުގެ ޝަކުވާ މި މިނިސްޓްރީ ލިބެމުންދާ ކަމަށެވެ.
އެހެންކަމުން ޤާނޫނު ނަންބަރު 12/2020 (މުދާގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނު) ގެ 16 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާގޮތަށް ވިއްކާ މުދަލުގެ އަގަކީ ކޮބައިކަން މުދާ ގަންނަ ފަރާތަށް ސާފުކޮށް ނޭންގޭހެން އެއްވެސް މުދަލެއް ވިއްކަން ބެހެއްޓުމަކީ މަނާކަމެއް ކަމަށެވެ.
މުދަލުގައި އަގު ޖަހާފައިކަމަށް ބެލޭވޭނީ މުދަލުގެ އަގު ސީދާ އެ މުދަލެއްގައި ލިޔެ، ޕްރިންޓްކޮށް ނުވަތަ ހަރުކޮށްފައި ހުރުމުން އަދި އެ މުދަލެއް ބަހައްޓާފައި ހުރި ތަނެއްގައި މުދަލުގެ އަގު ލިޔެފައި ނުވަތަ ހަރުކޮށްފައި ހުރުމާއެކު، އެއީ ކޮން މުދަލެއްގެ އަގެއްކަން އެނގޭގޮތަށް ހުރުމުންކަމަށް މިނިސްޓްރީން ބުންޏެވެ.
ވީމާ މުދާ ވިއްކާ އެންމެހައި ފަރާތްތަކުން ވިއްކަން ބަހައްޓާފައިވާ މުދަލުގައި، ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަގު ސާފުކޮށް ފެންނަން ހުންނާނޭހެން ބެހެއްޓުމަށް މިނިސްޓްރީން އިލްތިމާސްކުރި އެވެ.
މީގެއިތުރުން މިނިސްޓްރީން ބުނީ މުދާ ގަންނަ ފަރާތްތަކާއި، ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ޤާނޫނުގައި ބަޔާންކުރާ މިންގަނޑުތަކާ އެއްގޮތަށް މުދާ ވިއްކާ ފަރާތްތަކުން އަމަލުކުރެވޯ ބެލުމަށްޓަކައި، އެ ޤާނޫނުގެ 66 ވަނަ މާއްދާގެ ދަށުން އިންސްޕެކްޓްކޮށް މޮނިޓާކޮށް، ޤާނޫނާއި ހިލާފަށް އަގު ނުޖަހައިވިޔަފާރިކުރާ ފަރާތްތަކާމެދު، އެ ޤާނޫނުގެ 84 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅަމުންދާނެ ކަމަށެވެ.




