
.jpg?w=3840&q=75)







ރާއްޖެއިން އައިރީނާއަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު، އެ އެޖެންސީގެ ޑިރެކްޓަރ ޖެނެރަލްއަށް ފަތްކޮޅު އެރުއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ: ފޮރިން މިނިސްޓްރީ
ދިވެހިރާއްޖެއިން އިންޓަނޭޝަނަލް ރިނިއުވަބަލް އެނާޖީ އޭޖެންސީ (އައިރީނާ) އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު، އެ އެޖެންސީގެ ޑިރެކްޓަރު ޖެނެރަލަށް ފަތްކޮޅު އަރުއްވައިފި އެވެ.
އައިރީނާ އަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު، ސަފީރު ހިޒް އެކްސެލެންސީ ތޯރިގް އިބްރާހީމް އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު އައިރީނާގެ ޑިރެކްޓަރު ޖެނެރަލް މިސްޓާ ފްރެންޗެސްކާލާ ކެމެރާއަށް އަރުއްވާފައިވަނީ، މިއަދު އަބޫދާބީގެ ޝެރަޓަން ހޮޓެލްގައި ކުރިއަށްގެންދިޔަ އައިރީނާ ކައުނސިލްގެ 32 ވަނަ ބައްދަލުވުމުގެ ހަވާސާގަ އެވެ.
މި ރަސްމިއްޔާތުގައި ސަފީރު ޠާރިޤް އިބްރާހީމް ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއުތައް ކުރިއެރުވުމުގައި އައިރީނާއިން އިސްނަގައިގެން ކުރަމުންދާ މަސައްކަތްތަކަށް ދިވެހި ސަރުކާރުގެ ފަރާތުން ޝުކުރު އަދާކުރައްވާފަ އެވެ. އަދި ރާއްޖޭގެ ހަކަތައިގެ ޕްލޭނިންގ ހަރުދަނާކުރުމަށާއި، ރާއްޖޭގެ ރަށްތަކުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށް އައިރީނާއިން ދެމުންގެންދާ ފަންނީ އެހީތެރިކަމާއި އެއްބާރުލުން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ޑިރެކްޓަރ ޖެނެރަލް ލާ ކެމެރާ ވަނީ ސަފީރު ޠާރިޤް އަލަށް އަދާކުރައްވަން ފެއްޓެވި މަސްއޫލިއްޔަތަށް މަރުޙަބާ ވިދާޅުވެ، ރާއްޖޭގެ އިއާދަކުރަނިވި ހަކަތައިގެ ލަނޑުދަނޑިތައް ޙާޞިލުކުރުމުގައި އައިރީނާގެ އެއްބާރުލުން އަބަދުވެސް ލިބެމުންދާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ދުނިޔޭގެ ހަކަތައިގެ ދާއިރާއަށް ގެންނަ ބަދަލުތަކުގައި ކުދި ޖަޒީރާ ޤައުމުތަކުގެ މުހިންމުކަން ފާހަގަކުރައްވައި، ދިވެހި ސަރުކާރާއެކު ގާތުން މަސައްކަތްކުރުމަށް އައިރީނާއިން އަބަދުވެސް ތައްޔާރަށް އޮތް ކަމަށް ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ސަފީރު ޠާރިޤް އިބްރާހީމްގެ އަރިހުގައި، ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ އަބޫދާބީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ފަސްޓް ސެކްރެޓަރީ ފާޠިމަތު ނިއުޝާ ބައިވެރިވެވަޑައިގެންނެވި އެވެ.
ދިވެހިރާއްޖެ އައިރީނާގެ މެންބަރަކަށްވީ 2009 ވަނަ އަހަރުގެ ޖޫން މަހުގައެވެ.

.jpg?w=3840&q=75)






.jpg?w=3840&q=75)