






.jpeg?w=3840&q=75)

އާސެނަލްގެ ކުޅުންތެރިން ލިއްލެ ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ...
ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ފްރާންސްގެ ލިއްލެ އާއި ދެކޮޅަށް ކުޅުނު މެޗުގެ ދެވަނަ ހާފުގައި ކާމިޔާބުކުރި ލަނޑުތަކާއެކު 3-0 ގެ ނަތީޖާއަކުން މޮޅުވެ އާސެނަލް އިން ފެށުން ރަނގަޅުކޮށްފި އެވެ.
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިފެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި އާސެނަލް އިން ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، އެޓީމުން މެޗުގެ ލީޑުހޯދީ ދެވަނަ ހާފުގެ 64 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ޖޫރިއަން ޓިމްބާއެވެ. އަދި އޭގެ ތިން މިނެޓު ފަހުން މިޑްފިލްޑަރު އެބަރެޗީ އެޒޭ ވަނީ އިތުރުލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.
މިމެޗުގައި އާސެނަލް އިން ކާމިޔާބުކުރި ތިންވަނަ ލަނޑު މެޗުގެ 71 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ފޯވާޑް ބަކަޔޯ ސަކާ އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން އާސެނަލް ކުރީގައި އޮވެގެންނެވެ.








