







ވެރިކަމުގައި މިހާރު ތިބި ބޭފުޅުންނަށް ފަހުން އަދަބު ލިބިދާނެތީއޭ ކިޔައި ގާނޫނަށް އިސްލާހު ނުގެނެސް ހުރެގެން ނުވާނެ ކަމުގައި ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.
އިބްރާހިމް ދީދީ މިހެން ވިދާޅުވީ ޖިނާއީ މައްސަލަތަކުގައި ސިއްރު ހެކި ހުށަހެޅުމަށް ދައުލަތަށް ލިބޭ އިޚްތިޔާރުތައް ފުޅާކުރުމަށްޓަކައި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހުތައް ގެނައުމަށް ސަރުކާރުގެ ފަރާތުން ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހު، ހުށަހެޅުއްވި ބިލަށް ވާހަކަދައްކަވަމުންނެވެ.
އޭނާ ވިދާޅުވީ ހެދިފައި ހުންނަ ގާނޫނުތަކަށް ބިރުގަންނަން ޖެހޭނެ ކަމަށާއި ބިރު ނުގަންނަ ނަމަ އެންމެން ހިތު ހުރި ގޮތަކަށް އުޅެންވީ ނޫންތޯ ވަނީ ސުވާލު ކުރައްވާފައެވެ. އަދި މިހާތަނަށް ދިވެހިރާއްޖޭގައި ކަންތައްތައް ދިޔަ ގޮތަކީ ކޮންމެ ވެރިކަމެއްގައި ވެސް ދައުލަތް ބަނގުރޫޓު ކޮށްލުން ކަމުގައިވީ ނަމަވެސް އެއިން އެއްވެސް މުދަލެއް އަތުނުލެވޭ ކަމަށް ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން ޖިނާއީ އިޖުރައާތުގެ ގާނޫނުގެ ދަށުން ގާނޫނާ ހިލާފުވާ މީހުންގެ ހިތުގައި ބިރުވެރިކަން އުފެއްދެން ޖެހޭނެ ކަމަށާއި، ގާނޫނާ ހިލާފު ނުވާ މީހުންނަށް އެއްވެސް ބިރެއް ނެތް ކަމަށް ވިދާޅުވިއެވެ. އަދި ވެރިކަމުގައި މިހާރު ތިބި ބޭފުޅުންނަށް ފަހުން އަދަބު ލިބިދާނެތީއޭ ކިޔައި ގާނޫނަށް އިސްލާހު ނުގެނެސް ހުރެގެން ނުވާނެ ކަމަށާއި އެ ގާނޫނު ތަކަށް އިސްލާހު ގެނެވެން ޖެހޭނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ







