






.jpeg?w=3840&q=75)

ބާސެލޯނާގެ ކުޅުންތެރިން ގަލަތަސަރާއީ ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ...
ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ ރަށުން ބޭރުގައި ތުރުކީގެ ގަލަތަސަރާއީ އާއި ދެކޮޅަށް ކުޅުނު މެޗު ފަހަތުން އަރައި 4-1 ގެ ނަތީޖާއަކުން ބާސެލޯނާ އިން ކާމިޔާބުކޮށްފިއެވެ.
އިސްތަމްބޫލްގެ ރަމްސް ޕާގައި ކުޅުނު މިމެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެންކުޅެ ބާސެލޯނާ އިން މެޗު ޑޮމިނޭޓްކުރި ނަމަވެސް މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ގަލަތަސަރާއީ އިންނެވެ.
މިލަނޑު ފުރަތަމަ ހާފުގެ 28 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޒުވާން މިޑްފިލްޑަރު އެލެކްސީ ބަޓްރަކޯވްއެވެ. އަދި އޭގެ ހަ މިނެޓް ފަހުން އެޓީމުގެ ބަރިސް ޔިލްމާޒް އިތުރު ލަނޑެއް ކާމިޔާބުކުރި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ.
ބާސެލޯނާ އިން ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 43 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު ޖޮއާއު ކޮންސެލޯއެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނެޓުގައިފާމިން ލޮޕޭޒް ބާސެލޯނާއަށް ލީޑު ހޯދައިދިންއިރު، އޭގެ ތިން މިނެޓު ފަހުން އެންތަނީ ގޯޑަން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. އަދި މިދެލަނޑު ޖެހުމަށް ވެސް ފުރުސަތު ތަނަވަސްކޮށްދިނީ އެޓީމުގެ ޒުވާން ފޯވާޑް ލަމީން ޔަމާލް އެވެ.
މިމެޗުގައި ބާސެލޯނާގެ ހަތަރުވަނަ ލަނޑު މެޗުގެ 65 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ކަރީމް އަޑެއިމީ އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-1 ގެ ނަތީޖާއަކުން ބާސެލޯނާ ކުރީގައި އޮވެގެންނެވެ.








