







ރައީސުލްޖުމްހޫރިއްޔާގެ އޮފީސް - ފޮޓޯ: ރައީސް އޮފީސް
ދިވެހިރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް، އެއްވެސް ހާލަތެއްގައި، ބޭރުގެ އަސްކަރީ ނުވަތަ އެ ނޫންވެސް ބެލެެހެއްޓުމުގެ ބާރަކަށް ނުދޭނެކަމުގެ ޔަގީންކަން ސަރުކާރުން ދީފި އެވެ.
ރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް ބޭރުގެ ބެލެހެއްޓުމުގެ ބާރަކަށް ނުދޭނެކަމުގެ ޔަގީންކަން ދެއްވާ އެކަމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ބަޔާނެއް ނެރެފަ އެވެ.
ބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ސަރަހައްދުގައި ހިމެނޭ ބައިނަލްއަޤްވާމީ ވިޔަފާރީގެ ކަނޑުއޮޅިތަކާއި ހާއްސަ އިގްތިސޯދީ ސަރަހައްދު (އީއީޒެޑް) ހިމެނޭގޮތުން، ރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް، ބޭރުގެ އަސްކަރީ ނުވަތަ އެނޫންވެސް ބެލެހެއްޓުމުގެ ބާރަކަށް ނުދޭނެކަމަށެެވެ.
ސަރުކާރުން ހާމަކުރި ގޮތުގައި ދިވެހިރާއްޖޭގެ ސަރަހައްދާއި ދައުލަތުގެ ސިޔާދަތަކީ ރާއްޖޭގެ މިނިވަންކަން އެމައްޗަށް ބަރޯސާވާ، ބަދަލުނުކުރެވޭނޭ އަދި ދައުލަތާއި ދިވެހި ރައްޔިތުންގެ ހައްގެއް ކަމަށެވެ. އަދި ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމުގެ ފުރިހަމަ ބާރާއި ޒިންމާއަކީ ޤާނޫނުއަސާސީން ދައުލަތާ ހަވާލުކޮށްފައިވާ ޒިންމާއެއް ކަމަށާއި، މި ޙުދޫދުގެ ތެރެއިން ރާއްޖޭގެ ސަރަހައްދު ބަލަހައްޓައި މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަކީ ދިވެހިން ޒަމާނުއްސުރެ ފަހުރުވެރިކަމާއެކު ކޮށްފައިވާ އަދި ކުރަމުން އަންނަ ކަމެއް ކަމަށްވެސް ސަރުކާރުން ފާހަގަކޮށްފައިވެ އެވެ.
ދުނިޔޭގެ ޖޯގުރަފީއަށް ބަލާއިރު ރާއްޖެއަކީ އިސްތިރާޖީގޮތުން ވަރަށް މުހިންމު ސަރަހައްދެއްގައި އޮތް ގައުމެއްކަން ފާހަގަކުރަމުން، ސަރުކާރުން ބުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ ދުނިޔޭގެ ތެލުގެ ވިޔަފާރިއާއި އާންމު ވިޔަފާރީގެ ބޮޑު އިންސައްތައެއް ދަތުރުކުރާ މުހިންމު ކަނޑުއޮޅިތަކެއް ހިމެނޭ ސަރަހައްދެއް ކަމަށެވެ. އެހެންކަމުން މި ސަރަހައްދު އަމާންކަމާއެކު ބޭނުންކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ބައިނަލްއަގްވާމީ ވިޔަފާރިއަށާއި، މި ސަރަހައްދުގެ ހަމަޖެހުމާއި އަމާންކަމަށް ރާއްޖެއިން ޒަމާނުއްސުރެ ވެދޭ އަގުހުރި ހިދުމަތެއް ކަމަށް ބަޔާންކޮށްފައިވެ އެވެ.
ރާއްޖޭގެ ސަރަހައްދާއި ކަނޑުއޮޅިތައް ބެލެހެއްޓުން ބޭރުގެ ފަރާތްތަކާ ހަވާލުނުކުރުމަކީ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށާއި، ސަރަހައްދީ ހަމަޖެހުމަށް ސަރުކާރުން ގެންގުޅޭ އެންމެ މުހިންމު އަސާސީ އެއް ސިޔާސަތްކަމަށް ސަރުކާރުން ބުންޏެވެ. އަދި އެއްވެސް ބައެއް އަސްކަރީ ނުވަތަ އެނޫންވެސް ގޮތަކުން ބެލެހެއްޓުމަށް ބޭރުގެ ފަރާތަކަށް ހުޅުވާލުމަކީ ރާއްޖޭގެ މިނިވަންކަމަށް އުނިކަން އައިސް، ސަރަހައްދުގެ ސަލާމަތަށްވެސް އަސަރުކުރާނެ ކަމެއް ކަމަށް ސަރުކާރުން ދެކެ އެވެ. މިހެންވުމާއެކު މިކަން މިގޮތަށް ނުކުރުމަކީ ސަރުކާރުގެ އަސާސީ ސިޔާސަތެކެވެ.
މީގެއިތުރުން ސަރުކާރުން ވަނީ ރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް އެއްވެސް ހާލެއްގައި ބޭރުގެ ބެލެހެއްޓުމުގެ ބާރަކަށް ދޫނުކުރާނެކަމުގެ ޔަގީންކަން ދީފަ އެވެ. އަދި މިފަދަ މޭރުމަކުން ބޭރުގެ އެއްވެސް ނުފޫޒަކަށް، ސީދާ ނުވަތަ ނުސީދާ ގޮތަކުން ވިޔަސް ދައުވަތު ނުދިނުމަށް އެންމެހައި ފަރާތްތަކަށް ސަރުކާރުން ވަނީ އިލްތިމާސްކޮށްފަ އެވެ.








