







މެންޗެސްޓާ ޔުނައިޓެޑާއި އެތްލެޓިކޯ މެޑްރިޑް ވާދަކުރި މެޗުގެ ތެރެއިން...
ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އަމިއްލަ ދަނޑު މެންޗެސްޓާ ޔުނައިޓެޑް 2-0 ގެ ނަތީޖާއަކުން ބަލިކޮށް އެތްލެޓިކޯ މެޑްރިޑުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.
އެތްލެޓިކޯގެ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ފުރަތަމަ މިނެޓުގައި އެތްލެޓިކޯ މެޑްރިޑުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފިލްޑަރު ޕަބްލޯ ބަރިއޯސް އެވެ. މިއީ އެޓީމުގެ އަލެކްސް ބައޭނާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މީގެ އިތުރުން މިހާފުގައި މެންޗެސްޓާ ޔުނައިޓެޑްގެ ބްރަޔަން އެމްބޫމޯއަށް ވަނީ މެޗުގެ ނަތީޖާ އެއްވަރުކުރުމަށް ވަރަށް ހުސް ދެ ފުރުސަތެއް ލިބި ބޭނުންކުރެވޭ ގޮތް ނުވެފައެވެ. އަދި ފުރަތަމަ ހާފުގެ 44 ވަނަ މިނެޓުގައި އެތްލެޓިކޯ އިން އިތުރު ލަނޑެއް ކާމިޔާބުކުރިއެވެ.
ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ ގޯލު ޖެހުމުގެ ކުރިން އެތްލެޓިކޯ މެޑްރިޑްގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހިފައިވާކަމަށެވެ. އަދި މިއާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އެތްލެޓިކޯ މެޑްރިޑް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި އެތްލެޓިކޯ މެޑްރިޑްގެ ހޫލިއަން އަލްވަރޭޒް އަދި ޔުނައިޓެޑްގެ ބްރޫނޯ ފެނާންޑޭސް ފޮނުވާލި ދެ ހަމަލާއެއް ގޯލު ދަނޑިއަށް ވަނީ އަމާޒުވެފައެވެ. އަދި މެޗުގެ 74 ވަނަ މިނެޓުގައި ޔުނައިޓެޑްގެ ޑިފެންޑަރު ލެނީ ޔޯރޯއަށް ދެއްކި ރަތްކާޑާއެކު މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކުރީ އެއްކުޅުންތެރިއަކު މަދުކޮށެވެ.
ޔުނައިޓެޑުން ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި އެތްލެޓިކޯ މެޑްރިޑުން ލީޑު ފުޅާކުރީ ދެވަނަ ހާފުގެ 79 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އެޓީމުގެ ނައިޖީރިއާ ފޯވާޑް އަޑެމޯލާ ލުކްމަން އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން އެތްލެޓިކޯ މެޑްރިޑް ކުރީގައި އޮވެގެންނެވެ.







