








ޣައްޒާގެ ހާލަތު
އިސްތިއުމާރީ އިސްރާއީލުގެ ޢުދުވާނީ ސިފައިން ފަލަސްޠީނުގެ ޣައްޒާގެ ކުށެއްނެތް ޢާންމު ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި ޢަމަލުތަކަކީ މި ޒަމާނުގައި އިންސާނިއްޔަތު ދެކެމުންދާ އެންމެ ބޮޑު އެއް ޖަރީމާއެވެ. ބައިނަލްއަޤްވާމީ ޤާނޫނުތަކަށާއި އިންސާނީ ޙައްޤުތަކަށް އެއްވެސް ބެލުމެއްނެތި، ދުވާލަކު އެތައް ފުރާނައެއް ނައްތާލަމުންދާ މި ޢުދުވާނުގެ ސަބަބުން ޣައްޒާ ވަނީ ލެއާއި ކަރުނައިގެ މައިދާނަކަށް ބަދަލުވެފައެވެ.
ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، އިސްރާއީލުން ޣައްޒާގެ އެކި ހިސާބުތަކަށް ދިން ނުރައްކާތެރި ޙަމަލާތަކުގައި ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި އެކަނިވެސް 19 މީހުން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. ޣައްޒާގެ އެތަންމިތަނަށް ބޮންއަޅަމުންދާއިރު، ޢާންމު ރައްޔިތުންގެ އިތުރުން ޣައްޒާ ސަރުކާރުގެ އިސް ވެރިންނާއި ލީޑަރުންނަށް އަމާޒުކޮށްގެންވެސް ނިރުބަވެރި ޙަމަލާތައް ދަނީ ސިލްސިލާކޮށް ދެމުންނެވެ.
މިގޮތުން، އިއްޔެގެ ވަގުތެއްގައި ޣައްޒާ ސަރުކާރުގެ ދާޚިލީ ވުޒާރާގެ އެންމެ އިސް ވެރިޔާ މުޙައްމަދު އަބޫ އަލް އައުފުގެ ގެއަށް އަމާޒުކޮށް ދިން ޙަމަލާއެއްގައި، އޭނާއާއި، އޭނާގެ އަނބިކަނބަލުން ނޫރާގެ އިތުރުން، އުމުރުން އެންމެ 15 އަހަރާއި 13 އަހަރުގެ ދެ އަންހެން ދަރިންވެސް ވަނީ ޝަހީދުކޮށްލާފައެވެ. ޚަބަރުތައް ބުނާގޮތުގައި އެ ޢާއިލާއަކީ ޙަމާސް ޖަމާޢަތާ އެއްވެސް ގުޅުމެއް އޮތް ބައެއް ނޫނެވެ. މީގެ އިތުރުން، ޣައްޒާ ސަރުކާރުގެ ޑެޕިއުޓީ އެޑިއުކޭޝަން މިނިސްޓަރ ޚާލިދު އަބޫ ނަދާ ދިރިއުޅުއްވި އެޕާޓްމަންޓަށް ހެނދުނުގެ ވަގުތެއްގައި ބޮންއަޅައި، އޭނާއާއި އޭނާގެ އަނބިކަނބަލުންވެސް ވަނީ ޝަހީދުކޮށްލާފައެވެ. އިންސާނިއްޔަތާ ޚިލާފު މިފަދަ ބޮޑެތި ޖަރީމާތަކަށް އިސްރާއީލުގެ ޑިފެންސް މިނިސްޓަރ ކާޓްޒް ފާޅުގައި ތަޢުރީފުކޮށްފައިވުމަކީ އެ ދައުލަތުގެ އަނިޔާވެރިކަމާއި ލާއިންސާނީ ވިސްނުން ހާމަވާ އަލިގަދަ ހެއްކެކެވެ.
ޙަމަލާތައް ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމަށް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު ޢަމަލުކުރަން ފެށިފަހުން ވެސް، އެ އެއްބަސްވުމާ ޚިލާފަށް ދިން ޙަމަލާތަކުގައި އެކަނިވެސް މިހާތަނަށް 1،705 މީހުން ވަނީ ޝަހީދުކޮށްލާފައެވެ. އަދި 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން މިއަދާ ހަމައަށް ޣައްޒާއިން ޝަހީދުކޮށްލި މީހުންގެ ޖުމްލަ ޢަދަދު 74،772 އަށް އަރާފައިވާއިރު، ޒަޚަމްވި މީހުންގެ ޢަދަދު ވަނީ 176،298 އަށް އުފުލިފައެވެ.
މި ޢުދުވާނުގެ ސަބަބުން ޒަޚަމްވި އެތައް ހާސް ބަޔަކު އަދިވެސް އޮތީ ނުހަނު ސީރިއަސް ޙާލަތެއްގައެވެ. ޞިއްޙީ ފަރުވާ ލިބުން ދަތިވެފައިވާ މި ދަނޑިވަޅުގައި، އެތައް ހާސް ކުޑަކުދިންނާއި، އަންހެނުން އަދި ޒުވާނުންގެ އަތްފައި ބުރިކުރަން ޖެހި، މުޅި ޢުމުރަށް ނުކުޅެދޭ މީހުންގެ ގޮތުގައި ދިރިއުޅެން ވަނީ މަޖުބޫރުވެފައެވެ.
އިސްރާއީލުން ފަލަސްޠީނުގެ ބިމުގައި ހިންގަމުންދާ މި ޖަރީމާތަކަކީ ނަސްލުހޭދު ކުރުމުގެ ސާފު ޢަމަލުތަކެކެވެ. ބައިނަލްއަޤްވާމީ މުޖުތަމަޢުން މި އަނިޔާވެރިކަން ހުއްޓުވުމަށް އެދެވޭ ފިޔަވަޅުތަކެއް ނާޅައި، ހަނުތިބުމަކީ މި ލާއިންސާނީ ޢަމަލުތަކަށް ދެވޭ އިތުރު ހިތްވަރެކެވެ. ފަލަސްޠީނުގެ އަޚުންނާއި އުޚުތުންނަށް އިންޞާފާއި މިނިވަންކަން ހޯދައިދިނުމަކީ މުޅި އިސްލާމީ އުންމަތާއި މުޅި ދުނިޔޭގެ އިންސާނިއްޔަތުގެ ކޮނޑުގައި އެޅިފައިވާ ބޮޑު މަސްއޫލިއްޔަތެކެވެ.







