








ވިޖޭ ދޭވަރަކޮންޑާ އަދި ރަޝްމިކާ މަންދަންނާ
ދާދި ފަހުން ކައިވެނިކުރި ސައުތު ސިނަމާގެ މަޝްހޫރު ޖޯޑު ކަމަށްވާ ވިޖޭ ދޭވަރަކޮންޑާ އާއި ރަޝްމިކާ މަންދަންނާ، އެމީހުންގެ ކައިވެނީގެ ގުޅުމާއި ލޯބީގެ ބައެއް ސިއްރުތައް ފޭނުންނާ ހިއްސާކޮށްފިއެވެ.
ޕްރަކަރް ގުޕްތާގެ ޕޮޑްކާސްޓްގައި ވާހަކަދައްކަމުން ވިޖޭ ހާމަކުރި ގޮތުގައި، ރަޝްމިކާ ދުވާލެއްގެ މައްޗަށް 10 ނުވަތަ 15 ފަހަރު އޭނާދެކެ ލޯބިވާކަން (އައި ލަވް ޔޫ) ހާމަކުރެއެވެ.
ވިޖޭ އިތުރަށް ބުނިގޮތުގައި، އެކަކު އަނެކަކަށް ލޯބިވާކަން އެނގިފައި އޮތަސް، އެކަން އަނގަބަހުން ފާޅުކުރުމަކީ މުހިންމު ކަމެއްކަން ރަޝްމިކާ އަބަދުވެސް ހަނދާންކޮށްދޭ ކަމަށެވެ. ބިޒީ ދިރިއުޅުމެއް އުޅެމުންދާއިރު، މިފަދަ ކުދިކުދި ކަންކަމަށް ރަޝްމިކާ ބަހައްޓާ ފަރުވާތެރިކަމަށް ވިޖޭ ވަނީ ތައުރީފުކޮށްފައެވެ.
މި ޕޮޑްކާސްޓްގައި ރަޝްމިކާ ބުނެފައިވަނީ، ކައިވެނިކޮށްގެން ގިނަ ދުވަސްވުމުން ބައެއް މީހުންނަށް "ގުޑް މޯނިންގ" ނުވަތަ "ދުވަސް ކިހިނެއް؟" ފަދަ އާދައިގެ ކުދިކުދި ކަންކަން އަހާލަން ހަނދާންނެތޭ ކަމަށެވެ. ނަމަވެސް ގުޅުން ވަރުގަދަކޮށް ބޭއްވުމަށްޓަކައި، ކައިވެންޏަށް ކިތަންމެ ގިނަ ދުވަހެއް ވިޔަސް އަދި ދަރިން ތިބި ނަމަވެސް، އެކަކު އަނެކަކަށް މިފަދަ ކުދިކުދި ކަންކަމުގައި ސަމާލުކަންދީ، ލޯބި ފާޅުކުރުމަށް މަސައްކަތްކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އޭނާ ގަބޫލުކުރެއެވެ.
މި ފެބްރުއަރީ މަހު ކައިވެނިކުރި މި ޖޯޑު ދެން އެންމެ އަވަހަށް އެކީގައި ފެނިގެންދާނީ އަންނަ އޮކްޓޯބަރ 16 ގައި ނެރޭ ފިލްމު "ރަނަބާލީ" އިންނެވެ. މިއީ 1876 ގެ މަދްރާސް ބޮޑު ތަދުމަޑުކަމުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ވަރުގަދަ ފިލްމެކެވެ. މިއީ ކައިވެންޏަށްފަހު މި ދެތަރިން އެކީގައި ކުޅުނު ފުރަތަމަ ފިލްމުވެސް މެއެވެ.




