
-
ރާޅުތައް ޖެޓީގެ ތަނބުތަކުގައި ޖެހި ބިންދައިގެންދާ ބާރު އަޑު ފިޔަވައި އިތުރު އަޑެއް އެ ސަރަހައްދުގައެއް ނެތެވެ. ޒަޔާން އިނީ ޖެޓީގެ އަރިމަތީގައި، ކަކޫ މައްޗަށް ދެއަތް ވައްޓާލައިގެން، ކަނޑުގެ އަނދިރިކަމަށް ގެއްލިފައެވެ. އާލިޔާ ދިޔަ ދިމާލުން ލޮނުގަނޑު މަތީގައި އުފެދުނު ރާޅުބާނިތައްވެސް މިހާރު ވަނީ އަމާންވެފައެވެ. ނަމަވެސް އޭނާގެ ހިތުތެރޭގައި އޮތީ ބަޔާންކުރަން ދަތި ތޫފާނެކެވެ.
ފަހަތުން އިވުނު މަޑު ފިޔަވަޅުތަކުގެ އަޑާއެކު، ޒަޔާން އިސްއުފުލައެއް ނުބަލައެވެ. އޭނާގެ ކައިރިއަށް ހުއްޓުނު ހިޔަންޏަކީ ކާކުކަން އޭނާއަށް އެނގެއެވެ.
ޔާނާ މަޑުމަޑުން އައިސް ޒަޔާންއާ ދެ ފޫޓެއްހާ ދުރުގައި ޖެޓީ މަތީގައި އިށީނެވެ. އޭނާގެ ދެލޯ ވަނީ ރަތްވެފައެވެ. ކަރުނައިގެ ތެތްކަން ކޯތާފަތްމަތިން އަދިވެސް ފިލައިގެން ނުދެއެވެ.
"އަހަރެން... އަހަންނަށް މަޢާފުކުރޭ، ޒަޔާން،" ޔާނާގެ އަޑު ނިކުތީ ވަރަށް އުނދަގުލުންނެވެ. "މި ހުރިހާ ކަމެއް މި ގޮތަށް ވީ އަހަރެންގެ ސަބަބުން. އަހަރެން އެ ފޮތުގައި އެއްޗެހި ނުލިޔުނު ނަމަ... ނުވަތަ އެ ވިއްސާރަ ރޭ ޒަޔާންއާ ވާހަކަ ނުދެއްކި ނަމަ..."
ޒަޔާން މަޑުމަޑުން ބޯ ހޫރާލިއެވެ. "ނޫން، ޔާނާ. އަމިއްލަ ނަފްސު ކުށްވެރި ނުކުރޭ. މި ކަމުގައި ޔާނާގެ އެއްވެސްމައްސަލައެއް ނެތް."
ޒަޔާން ފުން ނޭވާއެއް ބޭރުކޮށްލިއެވެ. އެ އަޑުގައިވީ ހިތްފަޅައިގެންދާ ފަދަ މާޔޫސްކަމެކެވެ. "އާލިޔާ ދެއްކީ ހުސް ތެދު ވާހަކަ. އަހަރެން އޭނާއާއެކު ފަސް އަހަރު އުޅުނިން. އޭނާއަކީ އަހަންނަށް ވަފާތެރި، މީހެއް. އެކަމަކު އޭނާ ކައިރީގައި ހުރެގެންވެސް އަހަރެންގެ ހިތް އޮތީ ފުރިހަމަ ނުވެ. ޔާނާއާ ދިމާވި ފުރަތަމަ ރެއިން ފެށިގެން، އަހަރެން ދުވަހަކުވެސް އިހުސާސް ނުކުރާ ފަދަ ދިރުމެއް އަހަރެންގެ ހަޔާތަށް އައި. އަހަރެން އެކަން ފޮރުވަން އުޅުނީ. ދެ ފަރާތަށް އޮޅުވާލަން އުޅުނީ އަހަރެން. އަހަންނަކީ ފިނޑިއެއް."
ޔާނާ ޒަޔާންގެ މޫނަށް ބަލާލިއެވެ. އެ ދެލޮލުން ފެންނަމުންދިޔައީ ހަމައެކަނި ކުށްވެރިކަމެއް ނޫނެވެ. ޔާނާއަށްޓަކައި އޭނާ ހިތުގައި ފޮރުވާފައި ހުރި އިހްސާސްތައްވެސް ފެންނަމުން ދިޔައެވެ.
"ޒަޔާން، ހިތުގެ އިހުސާސްތަކަކީ އަހަރެމެން ބޭނުން ގޮތަކަށް ޕްލޭންކޮށްގެން، ޝެޑިއުލް ހަދައިގެން ގެންގުޅެވޭނެ އެއްޗެއް ނޫން. އަހަރެން ޒަޔާންއާ ގަޔާވީ ޒަޔާންގެ ދިރިއުޅުން ހަލާކުކޮށްލާކަށް ނޫން. ޒަޔާންގެ ލޮލުން ފެނުނު ހަމަހިމޭންކަމަށް އަހަރެންގެ ހިތް އެދެވުނީ."
ޔާނާ އޭނާގެ އަތް ޖެޓީ މަތީގައި އޮތް ޒަޔާންގެ ފިނިވެފައިވާ އަތްތިލަ މަތީގައި ބާއްވާލިއެވެ. ޒަޔާން އެ އަތް ފޮޅުވައެއް ނުލިއެވެ. ނަމަވެސް ބަދަލުގައި ހިފާކަށްވެސް ނޫޅުނެވެ. ދެމީހުންގެ މެދުގައި ބަޔާންކުރަން ނޭނގޭ ފަދަ ގުޅުމެއް އޮތް ނަމަވެސް، އެ ގުޅުމުގެ މައްޗަށް އެޅިފައިވަނީ ބޮޑު ހިތާމައެއްގެ ހިޔަންޏެވެ.
"ދެން ކިހިނެއް ހަދާނީ؟" ޔާނާ އަހައިލިއެވެ.
"އަހަންނަކަށް ނޭނގެ،" ޒަޔާން އިސްދަށަށް ޖަހައިލިއެވެ. "އާލިޔާ އަހަރެންގެ ހަޔާތުން އެ ދިޔައީ އަބަދުގެ އަބަދަށް. އަދި އޭނާގެ ހިތް ކުދިކުދިކޮށްލާފައި، މިވަގުތު އަހަންނަށް އެއްވެސް އުފަލެއް، އެއްވެސް އާ ގުޅުމެއް ހޯދުމުގެ ހައްގެއް އޮތް ކަމަކަށް އަހަރެން ގަބޫލެއް ނުކުރަން."
ޒަޔާން މަޑުމަޑުން ތެދުވިއެވެ. އޭނާ ރިސޯޓުގެ އަލިތަކާ ދިމާލަށް ބަލައިލިއެވެ. މާދަމާއަކީ އޭނާ އެނބުރި މާލެ ދާންޖެހޭ ދުވަހެވެ. މާލެއަށް ގޮސް އޭނާ ކުރިމަތިލާން ޖެހޭނީ ހުސްކަމާއެވެ. އޭނާ ދުއްވާ ސީޕްލޭން ދާނެ މަންޒިލެއް އޮތް ނަަމަވެސް އޭނާގެ ހަޔާތުގައި ދާނެ އެއްވެސް މަންޒިލެއް މިހާރަކު ނެތެވެ.
ޔާނާވެސް ތެދުވެ ޒަޔާންގެ ކުރިމައްޗަށް ހުއްޓުނެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވި ވަގުތު، ދެމީހުންނަށްވެސް އެނގުނެވެ. މިއީ ނިމުމެއް ނޫނެވެ. ނަމަވެސް މިއީ އެކުގައި ކުރިއަށް ދާން ފަސޭހަ ފެށުމެއްވެސް ނޫނެވެ.
މި ވާހަކައިގެ 10 ވަނަ އެޕިސޯޑު ގެނެސްދޭނީ އަންގާރަ ދުވަހު އެވެ.


.png?w=3840&q=75)




.png?w=3840&q=75)




