




.jpeg?w=3840&q=75)


ބޭރު ފައިސާ
ދިވެހިރާއްޖެއިން ބޭރުކުރަން އުޅުނު 9 ލައްކައަށްވުރެ ގިނަ ރުފިޔާއާއި އެއްވަރުގެ ބޭރު ފައިސާ އަތުލައިގެންފި އެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން މި ފައިސާ އަތުލައިގެންފައިވަނީ މި މަހުގެ 7 ވަނަ ދުވަހު ރާއްޖެއިން ބޭރަށް ފުރަން ދިޔަ އިންޑިއާގެ ފަސިންޖަރެއްގެ އަތުންނެވެ.
ކަސްޓަމްސްއިން ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އިން އަތުލައިގަތް ފައިސާތަކުގެ ތެރޭގައި އެކި ގައުމުގެ ފައިސާ ހިމެނޭ ކަމަށެވެ. އަދި މި ފައިސާގެ އަދަދު 905،669.80 އަށް އަރާނެ ކަމަށްވެސް ކަސްޓަމްސް ސާވިސް އިން ބުންޏެވެ.
ގިނަ އަދަދެއްގެ ފައިސާ ރާއްޖެއިން ބޭރަށް ގެންދާނަމަ ކަސްޓަމްސްއަށް އެކަން ޑިކްލެއާ ކުރަން ޖެހޭއިރު، 10،000 ޑޮލަރަށްވުރެ އިތުރަށް ގެންދާނަމަވެސް ކަސްޓަމްސްއަށް ޑިކްލެއާ ކުރަންޖެހެ އެވެ. އަދި ގަވައިދުގައިވަނީ މި ފައިސާތައް ހޯދި ގޮތުގެ ލިޔުންވެސް ހުށަހަޅަންޖެހޭ ކަމަށެވެ.







