
ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒު 2026 ރަސްމީކޮށް އިފްތިތާހްކުރުން- ފޮޓޯ:ބީސީސީ
"ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026" ގައި ބައިވެރިކުރާ އުފެއްދުންތައް ލަސްނުކޮށް ހުށަހެޅުމަށް ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން އެދިއްޖެ އެވެ.
ބީސީސީގެ މެނޭޖިންގް ޑީރެކްޓަރު ސާމިހް އާދަމް މީޑިއާތަކަށް މައުލޫމާތު ހިއްސާކުރަމުން ވިދާޅުވީ އުފެއްދުންތައް ބައިވެރިކުރާ ފަރާތްތައް އެ އުފެއްދުންތައް ކުރީބައިގައި ހުށަހެޅުމަކީ ޖަޖުކުރުމުގެ އިންތިޒާމްތަކަށް ފަސޭހަވެގެންދާނެ ކަމެއް ކަމަށެވެ.
ހަމައެއާއެކު މިއީ ބައިވެރިންގެ މަސައްކަތްތަކަށްވެސް ހަމަޖެހިފައިވާ އިންތިޒާމުތަކުގެ ތެރެއިން ކުރިއަށްދާކަމުގެ ފުރިހަމަ ޔަގީންކަން ލިބިގެންދާނެ ކަމެއްކަމަށް ސާމިހް އާދަމް ފާހަގަކުރި އެވެ. އަދި މި އަހަރުގެ މައުރަޒުގައި ގިނަ އަދަދެއްގެ ތަކެތި ބައިވެރިކޮށްފައިވާކަން ފާހަގަކޮށް ސާމިހް ވިދާޅުވީ ފަހު ވަގުތަށް މަޑުކުރުމަކީ ބައިވެރިންނަށާއި މައުރަޒުގެ އިންތިޒާމުތަކަށް ދަތިތައް ކުރިމަތިވެދާނެ ކަމެއް ކަމަށެވެ.
މައުރަޒުގައި ބައިވެރިކުރާ ކާބޯތަކެތީގެ ގިންތިތަކާއި ބަލައިގަންނަ ތާރީހުގެ ތެރެއިން، ކާބޯތަކެތީގެ ގިންތިއާއި ދަނޑުވެރިކަމުގެ އުފެއްދުންތައް އަދި ވެލިއު އެޑިޝަން އާއި މަސްވެރިކަމުގެ އުފެއްދުންތައް އަދި ވެލިއު އެޑިޝަން ބަލައިގަންނަ ތާރިހަކީ މި މަހުގެ 15 ވަނަ ދުވަހު އެވެ. އަދި ކޭކް ޑެކަރޭޝަން މި މަހުގެ 17 ވަނަ ދުވަހު ބަލައިގަންނަން ހަަމަޖެހިފައިވާއިރު، އެހެނިހެން ހުރިހާ އުފެއްދުންތައް ބަލައިގަންނަ ހަމަޖެހިފައިވާ ތާރީހަކީ އޮކްޓޯބަރު 7 އިން 13 އަށެވެ.
ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވަނީ މި މުއްދަތުގެ ތެރޭގައި ކޮންމެ ދުވަހަކު ހެނދުނު 10:00 އިން ރޭގަނޑު 20:00 އަށް ހުޅުމާލެ ސެންޓްރަލް ޕާކްގައި މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވާ ސަރަހައްދުގަ އެވެ. ތަކެތި ހަވާލުކުރާއިރު ޕޯޓަލް މެދުވެރިކޮށް ހުށަހަޅަންޖެހޭ ހުރިހާ މައުލޫމާތު ފުރިހަމަ ކުރަންޖެހޭއިރު، ބަންދުކުރަންޖެހޭ ތަކެތި ހުންނަންވާނީ ރައްކާތެރިކަމާއެކު ބަންދުކޮށްފައިކަމަށް ބީސީސީން ބުނެފައިވެ އެވެ.
މިއަހަރުގެ ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު އޮންނާނީ އޮކްޓޯބަރު 25 އިން 2 ނޮވެންބަރަށެވެ.
އުފެއްދުންތެރިކަމުގެ މައުރަޒަކީ، ދިވެހިރާއްޖޭގެ އުފެއްދުންތެރިންނާއި ހުނަރުވެރިންގެ ހުނަރާއި އުފެއްދުންތައް އެއްތަނަކުން ދައްކާލާ، މާކެޓު ކުރުމުގެ ފުރުޞަތު ހޯދައިދިނުމަށް އިންތިޒާމުކުރާ އެންމެ ބޮޑު މައުރަޒެވެ.










.jpeg?w=3840&q=75)
