



.jpeg?w=3840&q=75)



ކޮންމެހެން ބޭނުންވާ ޒަރޫރީ މުދާ އިމްޕޯޓްކުރާ ފަރާތްތަކަށް ޑޮލަރު ދޫކުރުމަށްޓަކައި ޚާއްސަ ވެރިފިކޭޝަން ނިޒާމެއް އެކުލަވާލުމުގެ ގޮތުން، ރާއްޖޭގައި ހަރަކާތްތެރިވާ ހުރިހާ ބޭންކުތަކާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާ ދެމެދު މުހިންމު އެއްބަސްވުމެއް އެކުލަވާލައިފިއެވެ.
އެމްއެމްއޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކަސްޓަމްސްއިން ވަނީ ރާއްޖޭގައި ހިންގަމުންދާ 7 ބޭންކަކާއެކު ޓީޓީ ވެރިފިކޭޝަން ނިޒާމެއް ގާއިމކުރުމާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. ކަސްޓަމްސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާއެވެ. އަދި ބޭންކުތަކުގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުތަކުގެ ސީއީއޯއިންނާއި މެނޭޖިންގ ޑައިރެކްޓަރުންނެވެ.
މަރުކަޒީ ބޭންކް އެމްއެމްއޭއިން ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން، ދިވެހިރާއްޖެއަށް އިމްޕޯޓުކުރާ މުދަލާއި ރާއްޖެއިން އެކްސްޕޯޓުކުރާ މުދަލާ ގުޅޭގޮތުން ބޭންކުތައް މެދުވެރިކޮށް ހިންގާ ވިޔަފާރި ޓްރާންސެކްޝަންތަކުގެ މައުލޫމާތު، ބޭންކުތަކާއި ކަސްޓަމްސްއާ ދެމެދު ބަދަލުކުރާނެ ހަރުދަނާ ސިސްޓަމެއް ގާއިމުކުރެވިގެންދާނެ ކަމަށެވެ.
މީގެ އިތުރުން، މުދާ އެތެރެކުރުމަށް ޓީޓީ މެދުވެރިކޮށް ކުރާ ފައިސާގެ މުޢާމަލާތްތަކާއި، އަދި އެތެރެކުރެވޭ މުދަލުގެ މަޢުލޫމާތު ދިމާވޭތޯ ބެލުމުގެ ނިޒާމު ހަރުދަނާކޮށް، ވިޔަފާރިއާ ގުޅުންހުރި މާލީ މުޢާމަލާތްތަކުގެ ސައްހަކަން ކަށަވަރުކުރުމަކީވެސް މި މަސައްކަތުގެ މައިގަނޑު މަގުސަދެއް ކަމަށް އެމްއެމްއޭއިން ވިދާޅުވިއެވެ. މި މަސައްކަތް ވިލަރެސްކުރުމަށް ހަމަޖެހިފައިވަނީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް އެފްއައިޔޫއިންނެވެ.




.jpeg?w=3840&q=75)


