





.jpeg?w=3840&q=75)

އެމްއެފްޑީއޭ
ކާބޯތަކެތި އިސްތިހާރުކުރަން ލެބް ރިޕޯޓް ބޭނުންކުރަމުންދާތީ އެކަމާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެމްއެފްޑީއޭ އިން މިއަދު އާންމުކުރި ބަޔާނެއްގައި ބުނީ ސިއްހީ އެތައް މަންފާތަކެއް ލިބޭގޮތަށް ދެކެވޭ ވާހަކަތަކާއި، ދިވެހިރާއްޖޭގައި އުފައްދާ، ވިއްކާ އަދި އިސްތިހާރުކުރާ ބައެއް ބާވަތްތަކުގެ ކާބޯތަކެއްޗާއި ގުޅުވައިގެން ކާބޯތަކެތި ތަހުލީލުކުރާ ލެބޯޓަރީތަކުން ދޫކުރާ ރިޕޯޓްތައް އިސްތިހާކުރުމުގައި ބޭނުންކުރާކަމަށް އެ އޮތޯރިޓީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
ކާބޯތަކެތި އިސްތިހާރުކުރުމާއި ބެހޭ ގަވައިދުގެ 13 ވަނަ މާއްދާއަށް އަލިއަޅުއްވާލައި އެ އޮތޯރިޓީން ބުނީ ކާބޯތަކެތި އިޝްތިހާރުކުރުމުގައި ކާބޯތަކެތި ތަޙުލީލުކުރާ ލެބޯޓަރީތަކުން ދޫކުރާ ރިޕޯޓެއް، ނުވަތަ ރިފަރަލް ލެބޯޓްރީއަކުން ދޫކޮށްފައިވާ "ސެޓްފިކެޓް އޮފް އެނަލިސިސް"އެއް ނުވަތަ އެއިން ލިޔުމެއްގެ އެއްވެސް ބޭނުމެއް ކުރުމަކީ މަނާކަމެއް ކަމަށެވެ. އަދި އެކި ބަލިތަކަށް ޝިފާއެއް ލިބޭކަމަށް ބުނެ ނުވަތަ އިންސާނާގެ ހަށިގަނޑަށް ވަކި ހާއްސަ ބަދަލެއް އަންނާނެކަމަށް ދޭހަވާ ގޮތަށް މާކެޓް ކުރުމަކީ ކާބޯތަކެތި އިޝްތިހާރުކުރުމާބެހޭ ޤަވާއިދުގެ 7 ވަނަ މާއްދާ އާއި 9 ވަނަ މާއްދާގެ ދަށުން މަނާކަމެއްކަމަށްވެސް އެ އޮތޯރިޓީން ބުންޏެވެ.
މީގެއިތުރުން އެމްއެފްޑީއޭ އިން ބުނީ ބަލިތަކަށް ފަރުވާ ލިބޭކަމަށް ނުވަތަ ހަށިގަނޑަށް އެދެވޭ ބަދަލުތަކެއް ގެނެސްދޭކަމަށް ދައްކައިގެން ތައްޔާރުކޮށް، އެ އުފައްދާ އަދި އިސްތިހާރުކުރާ ކާބޯތަކެތީގައި ހިމެނޭ ސިއްހީ މައުލޫމާތުތަކަކީ އިލްމީ ދިރާސާއަކުން ސާބިތުވާ ތެދު މައުލޫމާތަކަށް ވާންޖެހޭއިރު، އެފަދަ އުފެއްދުންތައް ބޭނުންކުރުމުގައި އިތުރަށް ސަމާލުވާންޖެހޭނެ ކަމަށެވެ.
މިހާރަކަށް އައިސް ސޯޝަލް މީޑިއާގައި ތަފާތު އެކި ބާވަތްތަކުގެ ސިއްހަތަށް ފައިދާވާނެކަމަށް ބުނެ އެއްޗެހި ވިއްކާކަން ފާހަގަކޮށްލެވެ އެވެ.








