
ބޭރު ފައިސާ މާރުކުރުމަށް ކަނޑައަޅާފައިވާ މުއްދަތުތަކަށް ބަދަލު ގެނެސްފިއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކޮށްފައިވާ ޕޯސްޓެއްގައި ބުނީ ބޭރު ފައިސާއާބެހޭ ޤާނޫނުގެ ދަށުން މީގެކުރިން މާރުކުރުމުގެ ސުންގަޑިއަކީ މީލާދީ މަސް ނިމި، އެ މަހަށް ފަހު ހިނގާ ތިން ވަނަ މަހުގެ 28 ގެ ކުރިން ކަމަށެވެ. މިސާލަކަށް ސެޕްޓެމްބަރު މަހުގެ އާމްދަނީ މާރުކުރަން ޖެހޭ ސުންގަޑިއަކީ 28 ޑިސެމްބަރުގެ ކުރިން ކަމަށެވެ.
ނަމަވެސް މިހާރު ގެނައި ބަދަލާއެކު މީލާދީ މަހެއް ނިމި، އެ މަހަށް ފަހު ހިނގާ ފުރަތަމަ މަހުގެ 28 ގެ ކުރިން ފައިސާ މާރުކުރަން ޖެހޭނެއެވެ. މިސާލަކަށް ސެޕްޓެމްބަރު މަހުގެ އާމްދަނީ މާރުކުރަންޖެހޭ ސުންގަޑިއަކީ 28 އޮކްޓޯބަރެވެ.
އެހެންކަމުން މި ބަދަލުތަކާ ގުޅޭ އެންމެ ފަހުގެ ތާވަލަށް އަހުލުވެރިވެ، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ބޭރު ފައިސާ މާރުކުރުމުގެ ކަންކަން ފުރިހަމަކުރުމަށް ސަމާލުކަން ދެއްވުމަށްވަނީ އިލްތިމާސްކޮށްފައެވެ.
ބޭރުފައިސާގެ މުޢާމަލާތް ކުރަންޖެހޭ މާލީ އިލްތިޒާމުތައް އެމްއެމްއޭއަށް އަންގަންޖެހޭ ގޮތަށް ބޭރުފައިސާއާބެހޭ އާންމު ޤަވާއިދަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ވަނީ އިސްލާހު ގެނެސްފައެވެ. ޤާނޫނަށް ގެނެވުނު އިސްލާހުގެ ދަށުން މިހާރު ފަތުރުވެރިކަމުގެ ދައިރާގައި ހަރަކާތްތެރިވާ ރިސޯޓުތަކުން މަހެއްގެ މައްޗަށް ލިބޭ އާމްދަނީގެ 40 އިންސައްތަ ރާއްޖޭގައި ޤާއިމްކޮށްފައިވާ ބޭންކަކަށް މާރުކުރަން ޖެހެއެވެ.
މިގޮތަށް މާރުކުރުމުގައި ބޭރުފައިސާ އިލްތިޒާމުތައް ހަމަޖައްސަން ޖެހޭ ހާލަތުގައި އެކަމުގެ ލުއިތަކެއް ދިނުމުގެ އިޚްތިޔާރު މަރުކަޒީ ބޭންކަށް ވަނީ ދީފައެވެ. މި ޤަވާއިދުގެ ދަށުން ޤާނޫނުގައި ބަޔާންކުރާ ލުއިދެވޭނެ ހާލަތްތަކުގެ އިތުރަށް، އެމްއެމްއޭއިން ކަނޑައަޅާ އިތުރު އިލްތިޒާމުތައް ވަނީ ހިމަނާފައެވެ.


%20(1).jpeg?w=3840&q=75)



%20(1).jpeg?w=3840&q=75)

.jpeg?w=3840&q=75)





