







ހޯމްލޭންޑް މިނިސްޓަރ އަލީ އިހުސާން --
ހޯމް މިނިސްޓްރީގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ފޮނުވާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދަނީ ސައްހަ ސިޓީއެއް ނޫން ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ވިދާޅުވީ އެއީ މިނިސްޓްރީގެ ރަސްމީ ސިޓީއެއް ކަމަށް ދެއްކުމަށް ހަދާފައިވާ ފޭކް ސިޓީއެއް ކަމަށާއި އެ މިނިސްޓްރީއަކީ ތަހުގީގު ހިންގާ އިދާރާއަކަށް ނުވާތީ އެފަދަ އެއްވެސް ލިޔެކިޔުމެއް ބޭންކަކަށް ވެސް އަދި އެހެން އިދާރާއަކަށް ވެސް ފޮނުވާފައި ނުވާނެ ކަމަށެވެ.
މީގެ އިތުރުން ދައުލަތުގެ އިދާރާތަކުގެ ނަމުގައި މިފަދަ ކަންކަން ނުހިންގުމަށް މިނިސްޓަރު އިލްތިމާސްކުރެއްވިއެވެ.
ދައުރުވަމުންދާ ސިޓީގައި އެމްއެމްއޭއިން ކަނޑައަޅާފައިވާ ރޭޓަށްވުރެ މަތިން ޑޮލަރު މާރުކުރުމުގެ މައްސަލަ ހައްލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަޅުއްވަން ނިންމަވާފައިވާ ފިޔަވަޅުތައް ތަންފީޒުކުރުމުގެ ބައެއްގެ ގޮތުން، މަނީ އެކްސްޗޭންޖް ލައިސަންސް ލިބިފައިވާ ފަރާތްތަކާއި، އެފަރާތްތަކަށް 500 ޑޮލަރަށްވުރެ މަތިން ފައިސާ ފޮނުވާފައިވާ ފަރާތްތަކުގެ ފާއިތުވި 6 މަހުގެ ބޭންކް ސްޓޭޓްމަންޓްތައް ސީއެސްވީ ފޯމެޓުގައި ހިއްސާކުރުމަށް ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފުގެ ކިބައިން އެދިފައެވެ.



