








މޯލްޑީވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އާ އޮފީސް އިމާރާތް ހުޅުމާލޭގައި އަޅައިދޭނެ ބަޔަކު ހޯދަން މިއަދު އިއުލާންކޮށްފި އެވެ.
އެމްއެމްއޭއިން ބުނީ އެމްއެމްއޭއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް އަޅާ މި އިމާރާތް 8،064 އަކަމީޓަރުގެ ސަރަހައްދެއްގައި ތަަރައްގީކުރާއިރު، ކޮންޓްރެކްޓަ ފައިނޭންސް އުސޫލުން އިމާރާތް ކުރާ ބަޔެއް ހޯދާ ކަމަށެވެ.
މި އިމާރާތުގައި އިދާރީ މަސައްކަތްތަކަށް ބޭނުންވާ ޖާގަ، ފައިސާ ގެންގުޅުމާއި ބެލެހެއްޓުމަށް ބޭނުންވާ ހާއްސަ ތަންތަނާއި، ޓްރެއިނިންގް އަދި ކޮންފަރެންސް ހޯލެއް އަދި މާލީ އިދާރާތްތަކަށް ހާއްސަ އޮފީސް ޔުނިޓްތަކެއް ހިމެނޭކަމަށް އެމްއެމްއޭ އިން ބުންޏެވެ. އަދި ހުޅުމާލޭގައި އާ އިމާރާތެއް އަޅަން ނިންމީ ދައުލަތުގެ ހަޒާނާގެ ރައްކާތެރިކަމާއި، ބޭންކުތަކުން ފައިސާ ގެނައުމުގައި ރައްކާތެރިކަމާ އެކު ބެލެހެއްޓުމަށް ބޭނުންވާ ސަލާމަތީ ކަންތައްތައް އިންތިޒާމުކުރުމަށް އެކަށީގެންވާ ޖާގައެއް ހޯދުމުގެ ބޭނުމުގައިކަމަށްވެސް އެމްއެމްއޭއިން ފާހަގަކުރި އެވެ.
މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝް އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު މި އަންނަ މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.
މި ޕްރޮޖެކްޓުގެ 85 އާއި 90 އިންސައްތަ ދެމެދުގެ ފައިނޭންސް ހަމަޖައްސަން ޖެހޭނީ ކޮންޓްރެކްޓަރެވެ.







