.png?w=3840&q=75)





.jpeg?w=3840&q=75)


-
ރާއްޖޭގައި ވަޤުފުގެ ދާއިރާ ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލޭގައި ޤާއިމުކުރާ "ދާރުއްސަލާމް" ވަޤުފް ޢިމާރާތުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށްދާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފި އެވެ.
ވިހިހާސް އަކަފޫޓުގެ ބޮޑު ބިމެއްގައި، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރް.ސީ.ސީ) އާ ޙަވާލުކޮށްގެން ތަރައްޤީކުރާ 12 ފަންގިފިލާގެ މި ބިޔަ ޢިމާރާތަކީ 244.5 މިލިއަން ރުފިޔާގެ ބޮޑު މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ކުރިއަށްދާ އެންމެހައި ޢިމާރާތްކުރުމުގެ މަސައްކަތްތައް ދެ އަހަރު ދުވަހުގެ މުއްދަތެއްގެ ތެރޭގައި އެއްކޮށް ނިންމާލުމަށް ވަނީ ތާވަލުކުރެވިފައެވެ.
މި މަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ ހާމަކުރަމުން މިނިސްޓްރީން ބުނީ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ފައުންޑޭޝަންގެ ދަގަނޑު އެޅުމުގެ މަސައްކަތް ކަމަށެވެ.
ރާއްޖޭގައި ޤާއިމުކުރާ މިފަދަ ދެވަނަ ވަޤުފް ޢިމާރާތް ކަމުގައިވާ "ދާރުލް އަރްޤަމް" ގެ ބިންގާ އަޅާފައިވަނީ 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ. މިފަދަ މަޝްރޫޢުތަކާއެކު ދައުލަތުން ދަނީ ދީނީ އަދި އިޖުތިމާޢީ ކަންކަމަށް ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ލިބޭނެ ވަސީލަތްތައް ފަހިކުރަމުންނެވެ.
ގްރޭޓަރ މާލެ ސަރަޙައްދުގެ އިތުރުންވެސް، ރާއްޖޭގެ އެންމެ އާބާދީ ބޮޑެތި ސަރަޙައްދުތައް ކަމަށްވާ އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ހުވަދު އަތޮޅު އަދި ތިލަދުންމަތި ހިމެނޭހެން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފް ޢިމާރާތްތައް ބިނާކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.
ސަރުކާރުން ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް، މިފަދަ ވަޤުފް ޢިމާރާތްތަކުން ލިބޭ އެންމެހައި އާމްދަނީ ޚާއްޞަކުރެވޭނީ ރާއްޖޭގެ އިސްލާމީ ވަޙުދަތު އިތުރަށް ބަދަހިކުރުމަށާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާ ތަފާތު ދީނީ، ތަޢުލީމީ އަދި އިޖުތިމާޢީ މުހިންމު ޕްރޮގްރާމްތައް ހިންގުމަށެވެ.
.png?w=3840&q=75)



