

.png?w=3840&q=75)






-
އަންހެންކުދިންގެ ކުރިމަގަށް އިންވެސްޓްކުރުމަކީ ހަމަހަމަ، އެންމެން ޝާމިލުވާ، އަދި ތަރައްޤީވެފައިވާ މުސްތަޤްބަލަކަށް ކުރެވޭ މުހިންމު ކަމެއް ކަމަށާއި، އެކުދިންގެ ކުރިމަގު ކަށަވަރުކުރުމާއި ޙައްޤުތައް ޙިމާޔަތްކުރުމުގައި ސަރުކާރުން ކެނޑިނޭޅި މަސައްކަތްކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ބައިނަލްއަޤްވާމީ އަންހެންކުދިންގެ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ 'އެކްސް' އެކައުންޓްގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އަންހެންކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް، އެކުދިންގެ އުންމީދުތައް ޙާޞިލުކޮށްދިނުމަށް ދިވެހިރާއްޖެއިން އަބަދުވެސް ވަކާލާތުކޮށް މަސައްކަތްކުރާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އިތުރަށް ވިދާޅުވީ، ސަރުކާރުގެ މައިގަނޑު އަމާޒަކީ ޒުވާން އަންހެނުންނާއި އަންހެންކުދިންގެ ޤާބިލުކަން އެންމެ ފުރިހަމަ ގޮތުގައި ބޭނުންހިފުމަށް މަގުފަހިކޮށްދޭ ދުރުވިސްނޭ ސިޔާސަތުތައް ތަންފީޒުކުރުން ކަމަށެވެ. އަދި އެކުދިންނަކީ ޤައުމުގެ ކުރިމަގުގެ ލީޑަރުންގެ ގޮތުގައި ބިނާކޮށް، ޤައުމީ ތަރައްޤީގައި ފުރިހަމަ ރައްކާތެރިކަމާއެކު ޝާމިލުވެވޭ ބައެއްގެ ގޮތުގައި ތަރުބިއްޔަތު ކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެއިތުރުން، މި ލަނޑުދަނޑިތައް ޙާޞިލުކުރުމަށްޓަކައި އެންމެ ފުރަތަމަ މަސައްކަތް ފަށަންޖެހެނީ ޢާއިލާއާއި މުޖުތަމަޢުގެ ތެރެއިން ކަމަށް ވިދާޅުވެ، އެކަމުގައި އެންމެހައި ފަރާތްތަކުގެ އެއްބާރުލުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.
މި ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުވެސް ވަނީ އެކަމަނާގެ 'އެކްސް' އެކައުންޓް މެދުވެރިކުރައްވައި ޚާއްޞަ މެސެޖެއް ދެއްވާފައެވެ. އެކަމަނާގެ މެސެޖުގައި، އަންހެންކުދިންނަކީ ހިތްވަރުގަދަ، އުންމީދީ، އަދި ކަންކަން ބަދަލުކުރުމުގެ ކެރުން ހުރި ޤާބިލު ލީޑަރުންތަކެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.
އަންހެންކުދިން ބާރުވެރިކުރުވުމަކީ ހަމައެކަނި ވަކިވަކި ފަރުދުންގެ ދިރިއުޅުމަށް އަންނަ ބަދަލެއް ނޫން ކަމަށާއި، އެއީ މުޅި ޤައުމުގެ މުސްތަޤްބަލް ބައްޓަންކޮށްދޭ މުހިންމު ބިންގަލެއްކަން މެޑަމް ސާޖިދާ ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، ރާއްޖޭގެ ތަޢުލީމީ ދާއިރާއާއި، ޢާންމު ޚިދުމަތްތަކާއި، ވިޔަފާރިއާއި، ކުޅިވަރު އަދި އިޖްތިމާޢީ އެކިއެކި މައިދާންތަކުގައި ދިވެހި އަންހެންކުދިންނާއި ޒުވާން އަންހެނުން އަދާކުރަމުންދާ އަގުނުކުރެވޭ މުހިންމު ދައުރަށް ތަޢުރީފުކުރައްވައި އެކަމަނާ ވަނީ ހިތްވަރު ދެއްވާފައެވެ.

.jpg?w=3840&q=75)



.png?w=3840&q=75)

