
މެސީ ގައުމީ ޓީމަށް ކުޅުނު ފަހު މެޗުގައި ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ...
ދުނިޔޭގެ ތާރީޚުގައި ވެސް އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ އާޖެންޓީނާ ކެޕްޓަން ލިއޮނަލް މެސީ ގައުމީ ޓީމަށް ކުޅުން ހުއްޓާލުމުގެ ގޮތުން ރޭ ފަތިހު ކުޅެވުނު ވަދާއީ މެޗުގައި ބެނިން އާއި ވާދަކޮށް 3-0 ގެ ނަތީޖާއަކުން އާޖެންޓީނާ މޮޅުވެއްޖެއެވެ.
ފީފާ ރޭންކިންގެ 91 ވަނައިގައި އޮތް ބެނިން އާއި ދެކޮޅަށް ތިން ފަހަރު ވޯލްޑްކަޕް ކާމިޔާބުކޮށްފައިވާ އާޖެންޓީނާ އިން ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު އާޖެންޓީނާ އިން ވަރުގަދަކޮށް ފެށިއިރު، މެޗުގެ 48 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. އަދި މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ނިކޮލަސް އޮޓަމެންޑީ އެވެ. މިއީ އެޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
އާޖެންޓީނާ އިން ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ 61 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޒުވާން މިޑްފިލްޑަރު ނިކޯ ޕަޒް އެވެ. އަދި މިލަނޑު ޖެހުމަށްވެސް ފުރުސަތު ތަނަވަސްކޮށްދިނީ މެސީ އެވެ. އަދި އޭގެ 10 މިނެޓް ފަހުން އެޓީމަށް ލިބުނު ޕެނަލްޓީއެއްގައި އާޖެންޓީނާގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން މެސީ އެވެ.
މިއީ އާޖެންޓީނާގެ ޖާޒީގައި ކުޅުނު 208 މެޗުގައި އޭނާ ގައުމީ ޓީމަށް ކާމިޔާބުކޮށްދިން 126 ވަނަ ލަނޑެވެ. އަދި ކުލަބަށާއި ގައުމީ ޓީމަށް މިހާތަނަށް ކާމިޔާބުކުރި 943 ވަނަ ލަނޑެވެ.
2005 ވަނަ އަހަރު އާޖެންޓީނާގެ ސީނިއާ ގައުމީ ޓީމަށް ކުޅެންފެށި މެސީ ވަނީ އާޖެންޓީނާގެ ޖާޒީގައި 2022 ވަނަ އަހަރުގެ ވޯލްޑްކަޕް ކާމިޔާބުކުރުމުގެ އިތުރުން 2021 އަދި 2024 ވަނަ އަހަރުގެ ކޮޕާ އެމެރިކާ ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން މެސީ ވަނީ އާޖެންޓީނާގެ ޒުވާން ގައުމީ ޓީމާއެކު 2005 ވަނަ އަހަރު 20 އަހަރުން ދަށުގެ ވޯލްޑްކަޕް ކާމިޔާބުކުރުމުގެ އިތުރުން އޮލިމްޕިކް ގޭމްސްގައި 2008 ވަނަ އަހަރު ފުޓްބޯޅަ އިން ރަން މެޑަލް ހާސިލްކޮށްފައެވެ.












