








އަންނަ ހަފުތާއިން ފެށިގެން ކުރިއެކޭ އެއްގޮތަށް އާންމު އުސޫލުން ޕާސްޕޯޓު ދޫކުރަން ފަށާނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން ބުނީ ޕާސްޕޯޓު ބުކްލެޓުގެ އައު ސްޓޮކް އަންނަ ހަފުތާގެ ތެރޭގައި ރާއްޖެއަށް ލިބޭނެ ކަމަށާއި އައު ސްޓޮކް ލިބުމާއެކު، ކުރިން ޕާސްޕޯޓް ދޫކުރަމުން އައި އާންމު އުސޫލަށް ހިދުމަތްތައް އަލުން ބަދަލުވެގެންދާނެ ކަމަށެވެ.
ޕާސްޕޯޓް ދޫކުރުމުގެ އުސޫލަށް ބަދަލުތަކެއް ގެނައުމަށް އެ އިދާރާއިން ނިންމީ މިދިޔަ އޮގަސްޓު މަހުގެ 27 ވަނަ ދުވަހުއެވެ. އެ ބަދަލު ގެންނަން ޖެހުނީ ދިވެހި ޕާސްޕޯޓް ބުކްލެޓް ފޯރުކޮށްދޭ ޖަރުމަނުވިލާތުގެ ކުންފުނީގެ ޕްރިންޓް ހައުސްގެ މެޝިންތަކަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން، ރާއްޖެއަށް ބުކްލެޓް ލިބުމުގައި ދަތިތަކަކާ ކުރިމަތިލާން ޖެހުމުންނެވެ.
ބުކްލެޓް ލިބުމުގައި ދަތިތައް ދިމާވުމާ ގުޅިގެން އިމިގްރޭޝަނުން ވަނީ ރާއްޖޭގައި ތިބެގެން މުއްދަތު ހަމަވާ ޕާސްޕޯޓު އާކުރަން ހުށަހަޅާ ފަރާތްތަކަށް އައު ޕާސްޕޯޓު ދޫކުރުމުގެ ބަދަލުގައި، އެ ފަރާތްތަކުގެ ޕާސްޕޯޓުގެ މުއްދަތު 30 ޖޫން 2027 ގެ ނިޔަލަށް އިތުރުކޮށްދޭން ނިންމާފައެވެ. މީގެއިތުރުން، އިންޑިއާ އަދި ސްރީލަންކާ ފަދަ އާންމުކޮށް ދިވެހިން ދަތުރުކުރާ ގައުމުތަކަށް ކުރު މުއްދަތަކަށް ދަތުރުކުރާ ފަރާތްތަކަށް ދޫކުރަމުން ދިޔައީ "އިމަޖެންސީ ޕާސްޕޯޓް" އެވެ.
ނަމަވެސް، އަންނަ ހަފުތާގައި އާންމު އުސޫލުން ހިދުމަތް ދޭން ފެށުމުން، އިމަޖެންސީ ޕާސްޕޯޓް ދޫކުރާނީ ހަމައެކަނި އެފަދަ ހާއްސަ ހާލަތްތަކުގައި އެކަނި ކަމަށް އިމިގްރޭޝަނުން ބުނެއެވެ. އަދި މުއްދަތު އިތުރުކޮށްދީފައިވާ ޕާސްޕޯޓުތަކާ ގުޅޭގޮތުން ދެން އަމަލުކުރާނެ ހާއްސަ އުސޫލުތައް ވެސް އަންނަ ހަފުތާގެ ތެރޭގައި ރަސްމީކޮށް އިއުލާންކުރާނެ ކަމަށް ވަނީ ބުނެފައެވެ.




