








ހުޅުމާޅޭގައި ރޭ އެކްސިޑެންޓުގައި އެއް ސައިކަލުގައި 3 މީހުން އަރުވައިގެން ދުއްވާފައިވާކަމަށް ތަހުގީގަށް މިހާތަނަށް ހާމަވެފައިވާ ކަމުގައި ފުލުހުން ބުނެފިއެވެ.
އޮކްޓޫބަރު 7 ވަނަ ދުވަހުގެ ދަންވަރު 02:55 އެހައިކަންހާއިރު، ހުޅުމާލެ ފޭސް 2، ނިރޮޅުމަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ފުލުހުން ހާމަކުރި އަދާހަމައިގައި ވަނީ 5 މީހަކަށް އަނިޔާވެ ފަރުވާ ދެމުންދާކަމަށް ބުނެފައެވެ.
ފުލުހުން ބުނީ މި ހާދިސާގައި އަނިޔާވި 5 މީހުންގެ ތެރެއިން 4 މީހެއްގެ ހާލު ސީރިއަސްކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އަނިޔާވި މީހުންނަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު، އިތުރު ފަރުވާއަށް އައި.ޖީ.އެމް.އެޗް އަށް ބަދަލުކޮށްފައިވާ ކަމަށް ވެސް ބުނެއެވެ.
މީގެއިތުރުން ފުލުހުންގެ ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި، މި އެކްސިޑެންޓް ހިނގަން މެދުވެރިވި އެއް ސައިކަލުގައި 3 މީހުން އަރައިގެން ދަތުރުކޮށްފައިވަނީ ވަންވޭއާ ހިލާފަށް ކަމަށާއި އެއީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ވެސް ބުނެއެވެ. އަދި އެ ސައިކަލު ދުއްވަން އިނީ އެ ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް މީހެއް ނޫން ކަމަށް ފުލުހުން ހާމަކުރެއެވެ.
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.




