
ސަރުކާރުގެ ސިޔާސީ މަގާމުތައް ބަހާފައިވާ ގޮތުން، އެންމެ ގެއަކަށް ދެ މިލިއަނެއްހާ ރުފިޔާގެ އާމްދަނީ ވަންނަ ގެތައް އެބަހުރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހީމް ނާޒިލް މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިލް ވަނީ، ސަރުކާރުން ސިޔާސީ ވަޒީފާތައް ދެމުންދާ ގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން އެއް އާއިލާއަކަށް ނިސްބަތްވާ އެއްބަނޑު އެއްބަފާ ހަތަރު، ފަސް މީހުންނަށާއި، ތިމާގެ ގިނަ ބަޔަކަށް ސިޔާސީ މަގާމުތައް ދީފައިވާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. އަދި އެފަދަ ބައެއް އާއިލާތަކަށް މަހެއްގެ މައްޗަށް ދެ މިލިއަނާ ގާތްކުރާ އަދަދަކަށް ފައިސާ ލިބެމުންދާ ކަމަށް މެންބަރު ވިދާޅުވިއެވެ.
"މިހާރު މި ހިނގަމުންދާ ސަރުކާރުން އެންމެ ގެއަކަށް ދެ މިލިއަނެއްހާ ރުފިޔާ ވަންނަ ގޭގެ އެބަހުރި އިއްޒަތްތެރި ރައީސް. މިއީ ވެސް އަޅުގަނޑުމެން ދައްކަން ޖެހޭ ވާހަކައެެއް،" ނާޒިލް ވިދާޅުވިއެވެ.
ނާޒިލް ފާހަގަކުރެއްވި ގޮތުގައި، ވަކި ބަޔަކަށް އެ ގޮތަށް ވަޒީފާތައް ދިނުމަކީ ނުހައްގު މުއްސަނދިކަން ހޯދައިދިނުމުގެ އަމަލެކެވެ. އެހެންކަމުން، މިހާރު މަޖިލީހަށް ހުށަހެޅިފައިވާ ކުށްކޮށްގެން ހޯދާ މުދަލާ ބެހޭ ބިލުގެ ދަށުން އެފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ފިޔަވަޅު އެޅޭނެ ގޮތަށް ބިލު އިސްލާހުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކޮމިޓީ މަރުހަލާގައި އެ އިސްލާހުތައް ގެންނަން ޖެހޭ ކަމަށް ވެސް މެންބަރު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ނުހައްގު މުއްސަނދިކަމުގެ މައްސަލަތަކުގައި ޝަރީއަތުން ގޮތް ނިންމާއިރު ހެކިތަކަށް ރިއާޔަތްކުރަން ޖެހޭކަން ފާހަގަކުރައްވައި ނާޒިލް ވިދާޅުވީ، ދިގު މުއްދަތަކުން ހޯދާފައި ހުންނަ މުދާ އެކި ގޮތްގޮތުން ހޯދިދާނެކަން ބިލުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
ސަރުކާރުގެ ވުޒާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި އެއްވެސް ތަޖުރިބާއެއް ނެތް މީހުންނަށް ބޮޑެތި މުސާރަ ލިބޭ ގޮތަށް ސިޔާސީ މަގާމުތައް ދެމުންދާތީ އާންމުންގެ ފާޑުކިޔުން ވަނީ ބޮޑުވެފައެވެ. ސަރުކާރުން ބުނަމުންދަނީ ސިޔާސީ މަގާމުތަކުގެ އަދަދު 700 ގައި ހިފެހެއްޓިފައިވާ ކަމަށެވެ. ނަމަވެސް، އިދިކޮޅު އެމްޑީޕީން ތުހުމަތުކުރާ ގޮތުގައި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު އެތައް ހާހަކަށް އަރައެވެ.















