








ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ބައެއް ތަންތަން ބަލާ ފާސްކޮށްފިއެވެ.
ފުލުހުން ބުނީ މިއީ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ކޮމްޕްލެކްސް ފައިނޭންޝަލް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން، ޓާސްކް ފޯސް ބައިވެރިވެގެން ކުރިއަށްގެންދާ ބަލައި ފާސްކުރުމުގެ ޚާއްސަ އޮޕަރޭޝަނެއް ކަމަށެވެ. މި އޮޕަރޭޝަން ފަށާފައިވަނީ އަންގާރަ ދުވަހުއެވެ.
މިއީ ހުއްދަނެތި ބޭންކިންގ ޚިދުމަތް ދިނުމާއި، ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ހިންގާ އޮޕަރޭޝަނެއް ކަމަށާއި މި އޮޕަރޭޝަނުގައި އަންގާރަ ދުވަހު 4 ބިދޭސީއަކާއި ދިވެއްސަކާއި ފިހާރައަކާއި ބިދޭސީއަކު ދިރިއުޅޭ ތަނެއް ބަލައިފާސްކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަކަމަށެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި ޤާނޫނާ ޚިލާފަށް ވިޔަފާރި އުޞޫލުން ބޭރު ފައިސާ މާރުކުރުމުގެ ޢަމަލުތައް ހިންގާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ޓާސްކްފޯސްއެއް އެކުލަވައިލައި އެފަދަ ފަރާތްތަކުގެ މަޢުލޫމާތު ހިއްސާކުރެވޭނެ ނިޒާމެއް ފުލުހުންގެ ޚިދުމަތުން ވަނީ ގާއިމުކޮށްފައެވެ. ލައިސަންސް ނެތި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރިކުރާ ފަރާތްތަކާ ގުޅޭ މަޢޫލޫމާތު ހިއްސާކުރުމަށް ބޭނުންވާ ފަރާތްތަކުން ޓަސްކްފޯސްގެ އޮޕަރޭޝަން ނަންބަރު 9388733 އަށް އެސްއެމްއެސްގެ އިތުރުން ވައިބަރ، ވަޓްސްއެޕް އަދި ޓެލެގްރާމް ފަދަ މެސެޖިން އެޕްލިކޭޝަން މެދުވެރިކޮށް މަޢުލޫމާތު ހިއްސާކުރެވޭނެކަމަށް ފުލުހުން ވިދާޅުވެއެވެ.މިއީ ބޭރުފައިސާއާ ބެހޭ ޤާނޫނަށް މިހާރު ގެނެސްފައިވާ އިސްލާހުތަކާ ގުޅިގެން ފުލުހުން އަޅަމުން އަންނަ ޚާއްސަ ފިޔަވަޅުތަކެކެވެ. ޤާނޫނަށް ގެނައި އިސްލާހާއެކު އެމްއެމްއޭއިން ކަނޑައަޅާ ރޭޓާ ޚިލާފަށް ޑޮލަރު ވިއްކުމާއި، އިޝްތިހާރު ކުރުމަކީ މިހާރު ކުށެކެވެ. އަދި ބޭރު ފައިސާގެ މުއާލަމާތް ކުރެވޭނީ އެމްއެމްއޭއިން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް އޮންނަ ފަރާތްތަކަށް އެކަނި ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.




