
އޮލިސޭ އަދި ޑޫއޭ ބެލްޖިއަމް ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ...
ޔުއެފާ ނޭޝަންސް ލީގު ގުރޫޕް އެކެއްގައި ރޭ އަމިއްލަ ދަނޑުގައި 4-1 ގެ ނަތީޖާއަކުން ބެލްޖިއަމް ބަލިކޮށް ފްރާންސް އިން މުބާރާތުގެ ކުއާޓާ ފައިނަލްގެ ފުރުސަތު ބޮޑުކޮށްފިއެވެ.
މިމުބާރާތުގައި ފްރާންސް އެންމެ ފަހުން ކުޅުނު މެޗުގައި އިޓަލީ އާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައިވާއިރު، ބެލްޖިއަމް އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 3-0 ގެ ނަތިޖާއަކުން ތުރުކީ ބަލިކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ފްރާންސް އިން މެޗު ޑޮމިނޭޓްކުރި ނަމަވެސް މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ބެލްޖިއަމް އިންނެވެ.
މިލަނޑު ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް ޑޯޑީ ލުކަބަކިއޯ އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ބެލްޖިއަމް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ފްރާންސް އިން ވަނީ ބަދަލުތަކަކާއެކު ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 77 ވަަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެ ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.
މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް ޑިޒަޔާ ޑޫއޭ އެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން ރަޔާން ޗާކީ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމަށް މިމެޗުގައި ފުރަތަމަ ފަހަރަށް ލީޑު ހޯދައިދީފައެވެ.
ފްރާންސް އިން ލީޑު ފުޅާކުރި ލަނޑު މެޗުގެ 88 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް މައިކަލް އޮލީސޭ އެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އެޓީމުގެ ހަތަރު ވަނަ ލަނޑުވެސް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ކުޅެން ނުކުމެ މިމެޗުގައި މޮޅު ކުޅުމެއް ދެއްކި އޮލީސޭ އެވެ.
މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުން ހޯދި 10 ޕޮއިންޓާއެކު ގުރޫޕް އެކެއްގެ އެއްވަނައިގައި ފްރާންސް މިވަގުތު އޮތްއިރު، މިމެޗުން ބަލިވި ބެލްޖިއަމް އިން ގުރޫޕް ސްޓޭޖުގައި ކުޅުނު ހަަތަރު މެޗުން ހޯދި ހަ ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތަވަލުގެ ތިންވަނައިގައެވެ.

.jpeg?w=3840&q=75)




.jpeg?w=3840&q=75)





