
.jpeg?w=3840&q=75)







ރިކާޑޯ ކަލިފިއޯރީ..
ޔުއެފާ ނޭޝަންސް ލީގު ގުރޫޕް އެކެއްގައި ރޭ ރަށުން ބޭރުގައި 3-1 ގެ ނަތީޖާއަކުން ބަލިވެ ބާކީ ދެމެޗު އޮއްވައި ތުރުކީ މުބާރާތުން ކަޓައިފިއެވެ.
މުބާރާތުގައި އިޓަލީ އެންމެ ފަހުން ކުޅުނު މެޗުގައި ފްރާންސް އާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައިވާއިރު، ތުރުކީ އެންމެ ފަހުން ކުޅުނު މެޗުގައި ބެލްޖިއަމް އާއި ވާދަކޮށް 3-0 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ އިޓަލީ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 26 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް ކިއާންލޫކާ ސްކަމާކާއެވެ.
ތުރުކީ އިން ނަތިޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 61 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް އަރަލް ސިމްސަރ އެވެ. ނަމަވެސް އޭގެ ތިން މިނެޓު ފަހުން އިޓަލީގެ ޑިފެންޑަރު ރިކާޑޯ ކަލިފިއޯރީ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އަލުން އެޓީމަށް ލީޑު ހޯދައިދީފައެވެ.
އިޓަލީ އިން ލީޑު ފުޅާކުރި ލަނޑު މެޗުގެ 87 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް ފްރެންސިސްކޯ ޕިއޯ އެސްޕޮސީޓޯ އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން އިޓަލީ ކުރީގައި އޮވެގެންނެވެ.
މިނަތިޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުން ހޯދި ހަތް ޕޮއިންޓާއެކު އިޓަލީ މިވަގުތު އޮތީ ތާވަލުގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި ތުރުކީ އިން ގުރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުން ވެސް ބަލިވެފައިވާއިރު، ޕޮއިންޓެއް ނުލިބި އެޓީމު މިވަގުތު އޮތީ ގުރޫޕްގެ ފުލުގައެވެ.

.jpeg?w=3840&q=75)


