








މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި ޢުމްރާއަށް ވަޑައިގަންނަވާ ހުރިހާ ޢުމްރާވެރިންނަށް، އެ މީހަކާ އެންމެ ކައިރި ޞިއްޙީ މަރުކަޒަކުން އިތުރު އަގަކާ ނުލައި، ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
އެއްވެސް އަގަކާ ނުލައި ވެކްސިން ޖެހުމުގެ އިންތިޒާމު މީގެކުރިން ހަމަޖެހިފައިއޮތީ މާލެ ސިޓީގައި އެކަންޏެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޙައްޖުވެރިންނަށް ދެއްވި ޔަޤީންކަމާ އެއްގޮތަށް، ޙައްޖު ކޯޕަރޭޝަނުން މިހާރު މިވަނީ އަންނަ ނޮވެމްބަރު ޢުމްރާއިން ފެށިގެން، މާލެ ސިޓީގެ އިތުރުން އަތޮޅުތެރޭގެ ރަށްރަށުންވެސް، އިތުރު އަގަކާނުލައި ވެކްސިން ޖެހޭނެ މަގު ފަހިކޮށްދީފައެވެ.
މާލެ ސިޓީގައި ދިރިއުޅުއްވާ ފަރާތްތަކަށް ވެކްސިން ޖެހުމަށް ހަމަޖެހިފައިވަނީ މާފަންނު އަރބަން ޕްރައިމަރީ ހެލްތު ސެންޓަރުގައެވެ. އަދި މާލެ ސިޓީ ފިޔަވައި އަތޮޅުތެރޭގެ ރަށްރަށުން ވެކްސިން ޖައްސަވަން ބޭނުންފުޅުވާ ފަރާތްތަކުން އެ ފަރާތެއް ހުންނެވި ސަރަހައްދަކާ އެންމެ ކައިރިން ވެކްސިން ލިބެންހުރި މަރުކަޒަކުން ވެކްސިން ޖެހުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.
އެހެންކަމުން ޙައްޖު ކޯޕަރޭޝަންގެ ފަހެލި ޕޯޓަލުން "ވެކްސިން ޖެހުމަށް އެދޭ ލިޔުން" ނަންގަވައިގެން، އެންމެ ކައިރީގައިވާ ޞިއްޙީ މަރުކަޒަކަށް ނުވަތަ ހޮސްޕިޓަލަކަށް ވަޑައިގަތުމުން އިތުރު އަގަކާ ނުލައި ވެކްސިން ޖެހުމުގެ އިންތިޒާމު މިއަދުން ފެށިގެން ވަނީ ހަމަޖެހިފައެވެ. އަދި، މި ލިޔުން ބޭނުންކުރައްވައިގެން، ސްޓޭޓްފާމާގެ ބޭސްފިހާރަތަކުން، އިތުރު އަގަކާނުލައި އިންފްލުއެންޒާ ވެކްސިންވެސް ބައްލަވައިގެންނެވޭނެއެވެ.
ޙައްޖާއި ޢުމްރާއަށް ވަޑައިގަންނަވާ ފަރާތްތަކުން ޖަހަންޖެހޭ ވެކްސިންތަކަކީ އިންފްލުއެންޒާ، މެނިންޖައިޓިސް އަދި ޕޯލިއޯ ވެކްސިނެވެ.
މި ޚިދުމަތް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށް ޙައްޖު ކޯޕަރޭޝަނުން މަސައްކަތް ކުރަމުންދަނީ ކަމާ ގުޅުންހުރި ސަރުކާރުގެ އިދާރާތަކާއި، ސްޓޭޓް ފާމާއާ ގުޅިގެންނެވެ. މިއީ ޢުމްރާވެރިންނާއި ޙައްޖުވެރިންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން އެޅުއްވި މުހިންމު ފިޔަވަޅެކެވެ.
މިކަމާ ގުޅޭގޮތުން އެއްވެސް އިތުރު މަޢުލޫމާތެއް ނުވަތަ އެހީތެރިކަމެއް ބޭނުންފުޅުވާނަމަ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާ ގުޅުއްވުމަށް އެ ކޯޕަރޭޝަނުން ވަނީ އެދިވަޑައިގެންފައެވެ.







