







ޕީއެސްވީ އާއި ރެއާލް މެޑްރިޑް ވާދަކުރި މެޗުގެ ތެެރެއިން... ފޮޓޯ: އޭޕީޕީ
ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ނެދަލޭންޑްސްގެ ޕީއެސްވީ އާއި ދެކޮޅަށް ކުޅުނު މެޗު ފަހަތުން އަރައި 5-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑް އެންމެ ފަހުން ކުޅުނު މެޗުގައި ގްރީސްގެ އޭއީކޭ އެތެންސް އަތުން 3-2 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ޕީއެސްވީ އެންމެ ފަހުން ކުޅުނު މެޗުގައި ބެލްޖިއަމްގެ ކުލަބު ބުރޫޖް އަތުން 2-1 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ.
މެޑްރިޑްގެ ސެންޓިއާގޯ ބެރްނަބާއޯގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ރެއާލް މެޑްރިޑުން މެޗު ޑޮމިނޭޓްކުރި ނަމަވެސް މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ޕީއެސްވީ އިންނެވެ.
މިލަނޑު ފުރަތަމަ ހާފުގެ 32 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން އިވާން ޕެރަސިޗް އެވެ. އަދި މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ވަރަށް ހުސް ފުރުސަތުތަކެއްް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ޕީއެސްވީ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ތިން ބަދަލަކާއެކު ރެއާލް މެޑްރިޑުން ފެށިއިރު، މެޗުގެ 50 ވަަނަ މިނެޓުގައި އެޓީމަށް ނަތީޖާއެއްވަރުކޮށްދިނީ ކެޕްޓަން ފެޑަރީކޯ ވަލްވާޑޭއެވެ. އަދި މެޗުގެ 60 ވަނަ މިނެޓުގައި ޖޫޑް ބެލިންހަމް ރެއާލް މެޑްރިޑަށް ލީޑު ހޯދައިދިންއިރު، އޭގެ ހަތަރު މިނެޓް ފަހުން ކިލިއަން އެމްބަޕޭ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑް ފުޅާކޮށްދީފައެވެ.
ރެއާލްގެ ހަތަރުވަނަ ލަނޑު ދެވަނަ ހާފުގެ 84 ވަނަ މިނެޓުގައި އެމްބާޕޭ ކާމިޔާބުކުރިއިރު، އޭގެ ތިން މިނެޓް ފަހުން ރެއާލްގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދިނީ ވިނީޝިއަސް ޖޫނިއާރ އެވެ.
މިނަތީޖާއެކު ލީގުބުރުގައި ކުޅުނު ފަސް މެޗުން ވެސް މޮޅުވެ 15 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި ރެއާލް މެޑްރިޑް މިވަގުތު އޮތްއިރު، މިމެޗުން ބަލިވި ޕީއެސްވީ އިން ލީގުބުރުގައި ކުޅުނު ފަސް މެޗުން ހޯދި ހަތަރު ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ 28 ވަނައިގައެެވެ.








