






ސިޓީ އާއި ނަޕޯލީ ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: އެސްއެމް
ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އަމިއްލަ ދަނޑު އިޓަލީގެ ނަޕޯލީ އާއި ދެކޮޅަށް މެންޗެސްޓާ ސިޓީ އިން ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެއްޖެއެވެ.
ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ސިޓީ އިން އެންމެ ފަހުން ކުޅުނު މެޗުގައި ޖަރުމަނުގެ އާރުބީ ލެޕްޒިގް އަތުން 3-2 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ނަޕޯލީ އެންމެ ފަހުން ކުޅުނު މެޗުގައި ޕޯޗުގަލްގެ ޕޯޓޯ އަތުން 4-1 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ.
ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ނަޕޯލީ އިންނެވެ. މިލަނޑު ދެވަނަ ހާފުގެ 55 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމު ޑެންމާކް ފޯވާޑް ރަސްމުސް ހޮއިލަންޑް އެވެ.
މެންޗެސްޓާ ސިޓީ އިން ނަތީޖާ އެއްވަރުކުރި ލަނޑު މެޗުގެ 67 ވަނަ މިނެޓިގައި ކާމިޔާބުކޮށްދިނީ ޒުވާން މިޑްފިލްޑަރު އައްޔޫބް ބުއާޑީއެެވެ. މިއީ އުމުރުން 19 އަހަރުގެ މިޑްފިލްޑަރު ސިޓީ އާއި ގުޅުނު ފަހުން އެޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.
ނަޕޯލީ އިން ދެވަނަ ފަހަރަށް ލީޑު ހޯދި ލަނޑު މެޗުގެ 67 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ނެދަލޭންޑް ފޯވާޑް ނޯ ލަންގް އެވެ. ނަމަވެސް އޭގެ 10 މިނެޓްފަހުން ސިޓީގެ ރަޔާން ޗާކީ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމަށް މިމެޗުގައި ދެވަނަ ފަހަރަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
މިނަތީޖާއެކު ލީގުބުރުގައި ކުޅުނު ފަސް މެޗުން މެންޗެސްޓާ ސިޓީއަށް 10 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަވަނައިގައެވެ. އަދި މިމެޗުން ހޯދި ޕޮއިންޓާއެކު ލީގުބުރުގައި ކުޅުނު ފަސް މެޗުން ނަޕޯލީއަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު. ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ 27 ވަނައިގައެވެ.






