




.jpg?w=3840&q=75)



މިހާރު ކުރިއަށްދާ ދިރާގު ހަތަރުވަނަ ރެޕްސް ފުޓްސަލް ކަޕް 2026 ގެ ސެމީފައިނަލް ދެވަނަ މެޗުގައި ޕެނަލްޓީ ޖަހައިގެން ބުލޫ ގާޑިއަންސް ބަލިކޮށް އެފްސީ އިންކޮގްނިޓޯ އިން މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
މުބާރާތުގެ ސެމީފައިނަލުން އެފްސީ އިންކޮގްނިޓޯ ޖާގަ ހޯދީ ކުއާޓާ ފައިނަލް ދެވަނަ މެޗުގައި ނައިޓް ޝިފްޓް ޔުނައިޓެޑް 4-3 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ. އަދި ބުލޫ ޖާޑިއަންސް ސެމީފައިނަލުން ޖާގަ ހޯދީ ކުއާޓާ ފައިނަލް ތިންވަނަ މެޗުގައި ޕެނަލްޓީ ޖަހައިގެން ރަޝް ޓެގު ބަލިކުރުމަށްފަހު އެވެ.
ހުޅުމާލޭ ފޭސް އެކެއްގެ ހަތަރު ނަމްބަރު ފުޓްސަލް ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގެ ވަރަށް ކުރީކޮޅު އިންކޮގްނިޓޯ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު މެޗުގެ ފުރަތަމަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު ޝާބިން އެވެ.
ބްލޫ ގާޑިއަންސް އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ ނުވަވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އާސިފް އަލީ އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެެގެންނެވެ.
މެޗުގެ ދެވަނަ ހާފު ބްލޫ ގާޑިއަންސް އިން ވަރުގަދަކޮށް ފެށިއިރު، މެޗުގެ 22 ވަނަ މިނެޓުގައި މުހައްމަދު ނާފިއު ވަނީ ލަނޑެއް ކާމިޔާބުކޮށް މިމެޗުގައި ފުރަތަމަ ފަހަރަށް އެޓީމަށް ލީޑު ހޯދައިދީފައެވެ.
ނަމަވެސް އޭގެ ހަތް މިނެޓް ފަހުން އިންކޮގްނިޓޯ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑަކީ ބްލޫ ގާޑިއަންސްގެ އަހުމަދު ރަޒާން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި މިލަނޑާއެކު މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މިއާއެކު މެޗުގެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި އިންކޮގްނިޓޯގެ ފަސް ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީ އެޓީމުން ކާމިޔާބުކުރިއިރު، ބުލޫ ގާޑިއަންސްގެ ފަސް ޕެނަލްޓީގެ ތެރެއިން އެޓީމަށް ކާމިޔާބުކުރެވުނީ ތިން ޕެނަލްޓީއެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އިންކޮގްނިޓޯގެ ކީޕަރު އިބްރާހިމް ޝަފީގު އެވެ.
25 ސެޕްޓެންބަރު 2026 އިން 07 އޮކްޓޯބަރު 2026 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގައި މިއަހަރު 12 ޓީމަކުން ވާދަކުރަމުންދާއިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި 12 ޓީމު ތިން ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ދެ ޓީމާއެކު ތިން ގުރޫޕުން ތިންވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ދެޓީމަށް ވެސް ވަނީ މުބާރާތުގެ ކުއާޓާ ފައިނަލަށް ފުރުސަތު ލިބިފައެވެ.








