
ރެޑް ވިންގްސް އާއި ބޮލްޓް އެފްސީ ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ގާފު ސްޕޯޓްސް
މިހާރު ކުރިއަށްދާ ދިރާގު ހަތަރުވަނަ ރެޕްސް ފުޓްސަލް ކަޕް 2026 ގެ ސެމީފައިނަލް ފުރަތަމަ މެޗުގައި ފަހަތުން އަރައި 6-3 ގެ ނަތީޖާއަކުން ރެޑް ވިންގްސް ބަލިކޮށް ބޮލްޓް އެފްސީ އިން މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
މުބާރާތުގެ ސެމީފައިނަލުން ބޯލްޓް އެފްސީ ޖާގަ ހޯދީ ކުއާޓާ ފައިނަލުގައި ހަތަރުވަނަ މެޗުގައި ފްރަޖައިލް 4-1 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ. އަދި ރެޑް ވިންގްސް ސެމީފައިނަލުން ޖާގަ ހޯދީ ކުއާޓާ ފައިނަލް ފުރަތަމަ މެޗުގައި ޕެނަލްޓީ ޖަހައިގެން އެވެންޖާސް ބަލިކުރުމަށްފަހު އެވެ.
ހުޅުމާލެ ފޭސް އެކެއްގެ ހަތަރު ނަމްބަރު ފުޓްސަލް ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގެ ވެސް ފުރަތަމަ 10 މިނެޓުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ފަހު 10 މިނެޓުގައި ބޮލްޓުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ.
ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގައި ބޮލްޓް އެފްސީ އިން އިތުރު ފަސް ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ރެޑް ވިންގްސްއަށް ކާމިޔާބުކުރެވުނީ އިތުރު ދެލަނޑެވެ.
އެގޮތުން މިމެޗުގައި ބޮލްޓް އެފްސީގެ ލައްސާން ލަތީފު އަދި އަހުމަދު ސަމަދު، މިއިން ކޮންމެ ކުޅުންތެރިއަކު ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ ކީޕަރު މުހައްމަދު އަހުޒަމް ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ. އަދި އެޓީމުގެ އެނެއް ލަނޑަކީ ރެޑް ވިންގްސްގެ އިސްމާއިލް ޖިހާދު އަތުން ބައިކޮޅަށް ވަން ލަނޑެވެ.
މީގެ އިތުރުން މިމެޗުގައި ރެޑް ވިންގްސްގެ އަހުމަދު ހުނައިފް ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އަބްދުﷲ ޔައުގޫބް އެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބޮލްޓް އެފްސީގެ އަހުމަދު ސަމަދު އެވެ.
25 ސެޕްޓެންބަރު 2026 އިން 07 އޮކްޓޯބަރު 2026 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގައި މިއަހަރު 12 ޓީމަކުން ވާދަކުރަމުންދާއިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި 12 ޓީމު ތިން ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ދެ ޓީމާއެކު ތިން ގުރޫޕުން ތިންވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ދެޓީމަށް ވެސް ވަނީ މުބާރާތުގެ ކުއާޓާ ފައިނަލަށް ފުރުސަތު ލިބިފައެވެ.








.jpg?w=3840&q=75)




.jpg?w=3840&q=75)


