






ބަނގުރާގެ މައްސަލާގައި ހައްޔަރުކުރި 2 މީހުން- ފޮޓޯ: ފުލުހުން
މާލޭގައި ބަނގުރާ އުފައްދައި ވިއްކައި ވިޔަފާރިކުރަމުންދިޔަ ދެ މީހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ އިންޑިއާ ޕްރަވީން ސެންތިލްކުމާރް (30އ) އަދި ކަންނަން އިރުލައްޕަން (23އ) ކަމަށެވެ.
ފުލުހުން ބުނީ މި މަހުގެ 3 ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި، މާލޭ މަގުމަތިން އެ މީހުން ހުއްޓުވައި، އެ މީހުން ދުއްވި ސައިކަލާއި މާލޭގެ ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި އެ ބަލައިފާސްކުރުމުގެ ތެރެއިން، ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 500 އެމްއެލްގެ 906 ފުޅިއާއި، ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 16 ޓައްޕު އަދި ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާއިރު، މި މައްސަލައާ ގުޅިގެން އެ މީހުން ދުއްވި ސައިކަލު ޓޯކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.
މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށް ފަހު ދެ މީހުން ވެސް މިހާރު އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅުއެޅުމަށް މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.







.png?w=3840&q=75)