
ވިއެޓްނާމަށް 1.5 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް ވިއެޓްނާމުގެ ކޯޓުން ހުމްކޮށްފިއެވެ.
އުމުރުން 39 އަހަރުގެ މުހައްމަދު އަނިލްގެ މައްޗަށް ވިއެޓްނާމްގެ ހާން ހޯއާ ޕްރޮވިންސްގެ ޕީޕަލްސް އިން މި ހުކުމް އިއްވާފައިވާއިރު، އޭނާގެ ޖަލު ހުކުމް ތަންފީޒުކޮށް ނިމުމުން ވިއެޓްނާމުން ޑީޕޯޓްކުރުމަށްވެސް ވަނީ އަމުރުކޮށްފައެވެ.
އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާގައި އަނިލް ހައްޔަރުކޮށްފައިވަނީ މިދިޔަ ޑިސެންބަރު މަހުގެ އަށް ވަނަ ދުވަހު ތައިލެންޑްގެ ބެންކޮކުން ފުރައިގެން ވިއެޓްނާމްގެ ކޭމް ރަން އިންޓަރނޭޝަނަލް އެއަރޕޯޓަށް ދިޔުމުން ކަމަށް ބަޔާންކޮށްފައި ވެއެވެ. އަދި ކަސްޓަމްސް އޮފިސަރުން އޭނާގެ ލަގެޖާއި އަތްދަބަސް ސްކްރީންކޮށް ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ގިނަ ޕެކެޓުތަކެއް ވަނީ ފެނިފައިވާ ކަމަށް ވެސް ބުނެއެވެ.
އޭނާގެ އަތުން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި 1،545.6893 ގްރާމް ހުރިކަމަށާއި އޭގެތެރޭގައި 1،067.2293 ގްރާމްގެ މެފެޑްރޯން އާއި 478.46 ގްރާމްގެ އަލްފާ-ޕައިރޯލިޑިނޯޕެންޓިއޯފެނޯން (އަލްފާ-ޕީއައިއެޗްޕީ) ހިމެނޭ ކަމަށް ވެސް ދައުވާގެ ބަޔާނުގައި ބުނެއެވެ. އެހެންނަމަވެސް، އަނިލްގެ ހަށިގަނޑު ތަހުލީލުކުރިއިރު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެއް ނުވާ ކަމަށް ވަނީ ބުނެފައެވެ.
ތަހުގީގަށް ހޯދިފައިވާ ގޮތުގައި، މި ތަކެތި ވިއެޓްނާމަށް އެތެރެކުރުމަށް އަނިލްއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު ހަތް ވަނަ ދުވަހު ބެންކޮކްގެ ހޮޓަލެއްގައި ހުއްޓައެވެ. މި މަސައްކަތް އޭނާއާ ހަވާލުކުރީ ތައިލެންޑްގެ ޕަޓާޔާގައި ދިރިއުޅޭ "އަފޫ" ނަމަކަށް ކިޔާ ދަންނަ މީހެކެވެ. އަފޫގެ ވަނަވަރާއި އޭނާ މިހާރު އުޅޭ ތަނެއް އަދި ހޯދިފައެއް ނުވެއެވެ. އަފޫ ވަނީ އަނިލް ވިއެޓްނާމަށް ދިޔުމުން އެހެން މީހަކު ގުޅައި އެ ތަކެއްޗާ ހަވާލުވާނެ ކަމަށް ބުނެފައެވެ.
މަސްތުވާތަކެތީގެ ހަ ޕެކެޓު ވިއެޓްނާމަށް ގެންގޮސްދިނުމުން އުޖޫރައެއްގެ ގޮތުގައި 1،000 ޑޮލަރު ދޭނެ ކަމަށް އަފޫ ވަނީ އަނިލް ގާތު ބުނެފައެވެ. އަދި ކެއުމާއި ދަތުރުފަތުރުގެ ހަރަދަށް އެޑްވާންސްކޮށް 500 ޑޮލަރު ދިނުމަށްފަހު، އަނިލްގެ ފޮއްޓަށް މަސްތުވާތަކެތި ލީ އަފޫ ކަމަށް ތަހުގީގަށް ވަނީ އެނގިފައެވެ. އަނިލް ހައްޔަރުކޮށްފައިވަނީ މި ތަކެތި ހިފައިގެން ވިއެޓްނާމަށް ގޮސް އިމިގްރޭޝަން މަރުހަލާ ފުރިހަމަކުރަނިކޮށެވެ.









