






ދިވެހިރާއްޖޭގައި ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ގާނޫނު ތަންފީޒުކުރުމުގެ މިންގަނޑުތައް ސާފުކޮށްދެއްވުމަށް އެދިވަޑައިގެން، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲއަށް ސިޓީއެއް ފޮނުއްވައިފިއެވެ.
މެންބަރު މުހައްމަދު އިބްރާހިމް ފޮނުއްވި ސިޓީގައި ފާހަގަކުރައްވާފައިވަނީ، ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާއި ކުއްޔަށްހިފުމާ ގުޅޭގޮތުން ކުއްޔަށްހިފާ ފަރާތާއި ކުއްޔަށްދޭ ފަރާތުގެ ޙައްޤުތަކާއި އިލްތިޒާމްތައް ބަޔާންކުރުމާއި، ދިރިއުޅުމަށްޓަކައި ކުއްޔަށްދޭ ތަންތަނުގައި ހުންނަންޖެހޭނެ އަސާސީ މިންގަނޑުތައް ކަނޑައެޅުމުގެ ގާނޫނު 18 ނޮވެމްބަރު 2021 ގައި ގެޒެޓުކުރެވިފައިވާ ކަމަށެވެ. އަދި ކުލީގެ މުއާމަލާތްތަކާ ގުޅިގެން އުފެދޭ ދެބަސްވުންތައް ހައްލުކުރުމުގައި އަމަލުކުރާނެ އުސޫލުތައް އެ ގާނޫނުގައި ސާފުކޮށް ބަޔާންކޮށްފައިވާކަން ވެސް އެ ސިޓީގައި ވިދާޅުވެފައިވެއެވެ.
އެ ގާނޫނު ގެޒެޓުކޮށް އަމަލުކުރަން ފެށިތާ 4 އަހަރާއި 10 މަސްދުވަސް ފާއިތުވެފައިވާކަން ފާހަގަކުރައްވަމުން ކުޑޫ ވިދާޅުވީ، އެ ގާނޫނުގެ ބެލެނިވެރި ފަރާތް ކަމުގައިވާ މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން ގާނޫނުގެ ދެވަނަ ބާބު ކަމަށްވާ ގާނޫނު ހިންގުމުގައި ބަޔާންކޮށްފައިވާ ގަވާއިދުތައް މިހާރު އެކުލަވާލާފައިވާ ކަމަށެވެ.
މިނިސްޓްރީން މިހާތަނަށް އެކުލަވާލާފައިވާ ގަވާއިދުތަކުގެ ތެރޭގައި ހިމެނެނީ:
މެންބަރުގެ ސިޓީގައި ވިދާޅުވެފައިވަނީ ގޯތިގެދޮރު ކުއްޔަށްދިނުމާ ބެހޭ ގާނޫނެއް ވުޖޫދުވެ، އެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގިނަ ގަވާއިދުތަކެއް ވުޖޫދުވެފައިވީ ނަމަވެސް، އެ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް އަމަލީ ގޮތުން ކަންކަން ތަންފީޒުވަމުންދޭތޯ ބެލުމަކީ ރައްޔިތުންގެ މަސްލަހަތާ ސީދާ ގުޅިފައިވާ ކަމެއް ކަމަށެވެ. ޚާއްސަކޮށް މާލެ ސަރަހައްދުގައާއި އަތޮޅުތަކުގައި ކުއްޔަށް ހިފުމާއި ދިނުމުގެ މުއާމަލާތްތައް ފުޅާވަމުންދާއިރު، ދެފަރާތުގެ ހައްގުތައް ހިމާޔަތްކުރުމަށް ގާނޫނު ހިންގުން މުހިންމު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި ސަބަބުތަކަށްޓަކައި، ގޯތިގެދޮރު ކުއްޔަށްދިނުމާ ގުޅޭ ގާނޫނާއި ގަވާއިދުތައް އެންމެ އެދެވޭ ގޮތުގައި ތަންފީޒުކުރެވެމުންދޭތޯ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީ މެދުވެރިކުރައްވައި ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ސާފުކޮށްދެއްވުމުގެ އިންތިޒާމު ހަމަޖައްސަވައިދެއްވުމަށް މެންބަރު ވަނީ އެދިވަޑައިގެންފައެވެ.
ރާއްޖޭގައި ބޯހިޔާވަހިކަމުގެ މައްސަލައަކީ އާންމުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުން ކަމުގައިވާއިރު، ކުއްޔަށް ދިރިއުޅޭ ފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި އަސާސީ މިންގަނޑުތައް ހިފެހެއްޓުމަށް ގާނޫނީ ގޮތުން އެޅިފައިވާ ފިޔަވަޅުތަކުގެ އަސަރު ބެލުމަކީ މަޖިލީހުގެ ޒިންމާއެއް ކަމަށް ވެސް މި މައްސަލައިގައި ފާހަގަކުރެވެއެވެ. ގަވާއިދު ކޮމިޓީން މި މައްސަލަ ބަލައި، ކަމާބެހޭ ވުޒާރާ ހާޒިރުކުރުމާ މެދު އަދި މަޖިލީހުގެ ރިޔާސަތުން ވަކި ގޮތެއް ނިންމަވާފައެއް ނުވެއެވެ.






