
-
އޭރު އަހަރަމެންނަށް ހީކުރެވިފައި އޮންނަނީ، ސްކޫލް މާހައުލުގައި މުދައްރިސުން ކުރާ މަސައްކަތްތަކަކީ ހަމައެކަނި ބޭކާރު އުނދަގޫތަކެއް ކަމަށެވެ. ކްލާސްރޫމްގެ ހަލަނިކަމާއި، ޒުވާން އުމުރުގެ ޖޯޝުގައި ކުރެވޭ ކަންކަމާ ހެދި ޓީޗަރުން ދައްކާ ވާހަކަތަކަށްދެވޭ ސަމާލުކަން ކުޑައެވެ. އެ ދުވަސްވަރު ވިސްނޭގޮތުން، ޓީޗަރަކީ ކޮންމެ ކަމެއްގައިވެސް ކަންތައްބޮޑުވެ، ޒާތީވާ މީހެކެވެ. އެއްވެސް ކަމެއްގައި ހިތްހަމަޖެހުމެއް ނުލިބި، ކޮންމެ ދުވަހަކުވެސް ޓީޗަރުންގެ ނަސޭހަތްތަކާއި ފިލާވަޅުތަކުން މިންޖުވާނެ ވަގުތަކަށް އިންތިޒާރުކުރެވުނު ދުވަސްތަކެއް ވެއެވެ.
ނަމަވެސް، އެ ދުވަސްތައް މާޒީވެ، ސްކޫލްގެ ހިޔާވަހިކަމުން ނުކުމެ، މުޖުތަމައުގެ ހަގީގީ މައިދާނަށް އަދި ވަޒީފާގެ އުނދަގޫ މާހައުލަށް ނުކުތުމުން މުޅި މަންޒަރު މުޅިން ބަދަލުވެއްޖެއެވެ. މިއަދު އަމިއްލަ ދިރިއުޅުމުގެ އެކި ކަންކަމާ ކުރިމަތިލާންޖެހި، މަސައްކަތުގެ ބޮޑު ޕްރެޝަރާއި ސްޓްރެސްގެ ތެރޭގައި އުޅެންޖެހުމުންކަން ވިސްނެނީ، މުދައްރިސުން އޭރު އަހަރަމެންގެ ހަލަނި އަހުލާގާއި ބަސްނޭހުންތަކާ ކެތްތެރިކަމާއެކު ޓެކަލް ކުރިގޮތެވެ. އެ މީހުންގެ އަމިއްލަ ދިރިއުޅުމުގައި ހުންނަ އެތައް ކަންބޮޑުވުންތަކާއި ސްޓްރެސްތަކާ އެކުގައިވެސް، އަހަރަމެންގެ ކަންކަމާ ހެދި އެ މީހުން އުފުލަންޖެހުނު ބުރައާއި ޒިންމާ މިއަދު އިޙްސާސްކުރެވެނީ ނުހަނު ފުންކޮށެވެ.
އަޅުގަނޑު އެންމެ ބޮޑަށް އުފާކޮށް ފަޚުރުވެރިވަނީ، އަހަރަމެންނަށް އުގަންނައިދިން މުދައްރިސުން އަހަރަމެންނަށް ކަންކަން ވިސްނައިދޭން ގެންގުޅުނު މަޑުމައިތިރިކަމާއި، އަހަރަމެންގެ މިޒާޖާ ގުޅޭގޮތަށް ކަންކަން ގެންގޮސްދިން ސާދާ ގޮތެވެ. ކޮންމެ ފަހަރަކު ގޯސްކަމެއް ކުރެވުނު ނަމަވެސް، އެކަން ވިސްނައިދެނީ އެ މީހުންދެކެ ނަފްރަތު ނުއުފެދޭނެ ފަދަ އޯގާތެރިކަމަކާއެކުގައެވެ. އެއީ އަހަރަމެންގެ އަމިއްލަ ނަފުސަށް ވިސްނައި، ކުށް ރަނގަޅުކުރުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ.
މިއަދު އަމިއްލަ ކުންފުންޏެއްގެ ހިންގުމުގައި، ޒިންމާދާރު މަގާމެއްގައި އަޅުގަނޑު މި ހުރީ، މުދައްރިސުން ސްކޫލް ދުވަސްވަރު ހަމައެކަނި ދަސްކޮށްދިން މާއްދާތަކުގައި އޮތް އަލްޖިބްރާ އާއި، އެކައުންޓިންގ އާއި، ނުވަތަ އިޤްތިޞާދީ ޑިމާންޑް އެންޑް ސަޕްލައިގެ މިންގަނޑުތަކުން އެކަންޏެއް ނޫނެވެ. މިއަދު މި ހިސާބަށް އާދެވުނީ، އަމިއްލަ ދިރިއުޅުން ބައްޓަންކުރާނެ ގޮތާއި، ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލައި އަމިއްލަ ފައިމައްޗަށް ތެދުވެ، ކިތަންމެ ދަތިވިޔަސް ހިތްވަރު އެލުވައިނުލައި މަސައްކަތްކުރަން މުދައްރިސުން ދިން އަމަލީ ނަސޭހަތުގައި ހިފުނީތީއެވެ.
އެއީ ވަކިން ޚާއްޞަ މޭޒެއްގެ ދޮށުގައި ބައިންދައިގެން، ވަކި ލެކްޗަރއެއްގެ ސިފައިގައި ދިން ހަރުކަށި ނަސޭހަތްތަކެއް ނޫނެވެ. އެއީ އެ މީހުންގެ ދުވަހުުގެ އަމަލުތަކުންނާއި، ލާމަސީލު ކެތްތެރިކަމުން، އަދި ނުހަނު ލޯތްބާއެކު ދެއްކި ރީތި ނަމޫނާއެވެ. މިއަދު މި އަންނަ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި، އަޅުގަނޑުގެ ހަޔާތުގެ މިސްރާބު ބަދަލުކޮށްދީ، މިއަދުގެ ކާމިޔާބީގެ ފަހަތުގައި ތިބި ހުރިހާ މުދައްރިސުންނަށް ހިތުގެ އެންމެ ފުންމިނުން ޝުކުރާއި ތައުޒީމު ދަންނަވަމެވެ.










