
.jpg?w=3840&q=75)






.jpg?w=1920&q=75)
ފަލަސްޠީނުގެ މައްސަލައަކީ މުޅި އިސްލާމީ އުންމަތުގެ ހިތާ ގުޅިފައިވާ، އަދި އިންސާނިއްޔަތުކަމުގެ އެންމެ ބޮޑު އެއް ޤަޟިއްޔާއެވެ. ޚާއްޞަކޮށް މުސްލިމުންގެ ތިންވަނަ ޙަރަމްފުޅު ކަމުގައިވާ މަސްޖިދުލް އަޤްޞާ ހިމެނޭ ބަރަކާތްތެރި ޤުދުސްގެ ބިމަކީ ހަމައެކަނި ސިޔާސީ އެޖެންޑާއެއްގައި އޮތް ނަމެއް ނޫނެވެ. އެއީ މުސްލިމުންގެ އަޤީދާއާއި ޝަރަފާ ގުޅިފައިވާ މާތް ބިމެކެވެ. ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކުރުމަށާއި އެ ބިމުގެ މުޤައްދަސްކަން ދެމެހެއްޓުމަށްޓަކައި ބައިނަލްއަޤުވާމީ ފެންވަރުގައި އަޑުއުފުލައި، އެކުގައި މަސައްކަތްކުރުމަކީ މިއަދު ދުނިޔޭގެ އެންމެހައި ޤައުމުތަކުގެ، ޚާއްޞަކޮށް އިސްލާމީ ޤައުމުތަކުގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެކެވެ.
ޤުދުސްގައި ހިންގަމުންދާ ލާއިންސާނީ ހަމަނުޖެހުންތަކާއި ޖަރީމާތަކަށް ޙައްލެއް ހޯދުމަށްޓަކައި އުރުދުންގެ އިސްނެގުމުގެ މަތިން ޢަރަބި އިސްލާމީ ޤައުމުތަކުގެ ވަޒީރުން ބޭއްވެވި "ޖޮއިންޓް ޢަރަބް އިސްލާމިކް މިނިސްޓީރިއަލް މީޓިން އޮން ޖެރުސަލެމް" ގައި ރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވަނީ މިކަމާ ގުޅޭގޮތުން މުހިންމު ވާހަކަފުޅުތަކެއް ދައްކަވާފައެވެ. ވަޒީރުގެ ވާހަކަފުޅުގައި، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކޮށް، އަމިއްލަ ޤައުމުގައި ދެމިތިބުމާއި، ގެދޮރާއި ވަޒަން އަދި އަޅުކަންކުރުމުގެ ފުރިހަމަ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި ޤައުމުތަކުން މިހާރަށްވުރެ ބޮޑަށް ގުޅިގެން ހަރުދަނާ މަސައްކަތްތަކެއް ކުރުމަށް ވަނީ ގޮވާލައްވާފައެވެ. ޤުދުސްގައި މިއަދު ހިނގަމުންދާ ކަންކަމަކީ އެތަނުގެ މާދަމާގެ މުސްތަޤުބަލު ބައްޓަންވެގެންދާނެ ގޮތްކަން ފާހަގަކުރައްވައި، އަލްއަޤްޞާ މިސްކިތުގައި ތަކުރާރުވަމުންދާ ހަމަނުޖެހުންތަކާއި، ޔަހޫދީން ވަޒަންވެރިކުރުވުމުގެ ނުރައްކާތެރި ސިލްސިލާއާއި، އަދި ފަލަސްޠީނުގެ ޢާއިލާތައް އަމިއްލަ ގެދޮރުން ނެރެލުމުގެ ލާއިންސާނީ ޖަރީމާތަކަށް ދުނިޔެއިން އެއްވެސް ޖާގައެއް ދީގެން ނުވާނެކަމަށް އެކަމަނާ ވިދާޅުވިއެވެ.
ފަލަސްޠީނުގެ މައްސަލައިގައި ދިވެހިރާއްޖޭގެ ސިޔާސަތަކީ ސާފު އަދި ސާބިތު ސިޔާސަތެކެވެ. އެގޮތުން އެ ބިމުގައި ހިންގަމުންދާ އަނިޔާވެރި ޖަރީމާތައް ވަގުތުން ހުއްޓާލުމަށް ރާއްޖެއިން އަބަދުވެސް ވަކާލާތުކުރެއެވެ. ބައިނަލްއަޤުވާމީ ޤާނޫނުތަކާއި މުޢާހަދާތަކާ ޚިލާފަށް އިސްރާއީލުން ޤުދުސްގައި ޔަހޫދީން ވަޒަންވެރިކުރުވަމުން ދިޔަނަމަވެސް، އެ މާތް ބިމުގެ މުޤައްދަސްކަމަކަށް އެއްވެސް އުނިކަމެއް ނާންނާނެއެވެ. ޤުދުސް ޙިމާޔަތްކުރުމަކީ ފަލަސްޠީނުގެ ރައްޔިތުންނަށް އަމިއްލަ މުސްތަޤުބަލު އަމިއްލައަށް ކަނޑައެޅުމުގެ ޙައްޤު ހޯދައިދިނުމެވެ. އެހެންކަމުން، ބައިނަލްއަޤުވާމީ މައިދާނުގައި ފަލަސްޠީނުގެ ދައުލަތް ބަލައިގަތުން އިތުރުކުރުމަށާއި، އދ. ގެ ފުރިހަމަ މެންބަރު ޤައުމަކަށް ފަލަސްޠީނު ހެދުމަށްޓަކައި އިސްލާމީ ޤައުމުތަކުން އެހެން ޤައުމުތަކާ ގުޅިގެން މިހާރަށްވުރެ ވަރުގަދައަށް މަސައްކަތްކުރަންޖެހެއެވެ.
މީގެއިތުރުން، ފަލަސްޠީނުގެ ބިންތައް ފޭރިގަނެ، އެ ބިންތަކުގައި ޔަހޫދީން ވަޒަންވެރިކުރުވުމާ ދެކޮޅަށް ހުޅަނގުގެ ބައެއް ޤައުމުތަކުން ތެދުވި ތެދުވުމަކީ ލިބުނު ބޮޑު ކުރިއެރުމެކެވެ. އެގޮތުން އިނގިރޭސިވިލާތް، ކެނެޑާ، ޑެންމާކް، ފިންލޭންޑް، ފްރާންސް، އައިސްލޭންޑް، އަޔަރލޭންޑް، ނޯވޭ، ޕޮލެންޑް، ޕޯޗުގަލް، ސްޕެއިން އަދި ސްވިޑަން ފަދަ ޤައުމުތަކުން މި ޣައިރުޤާނޫނީ ޢަމަލުތަކާ ދެކޮޅަށް ނުކުމެ، ވަޒަންވެރިވާ ޔަހޫދީންނާ ދެކޮޅަށް ފިޔަވަޅުތައް އަޅަމުންދާ ދިއުމަށް ރާއްޖެއިން ވަނީ މަރުޙަބާ ކިޔާފައެވެ. އަދި މިފަދަ ހަރުދަނާ ފިޔަވަޅުތައް އެކުގައި އެޅުމަކީ ނަތީޖާ ޙާޞިލުކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.
ފަލަސްޠީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމާއި ބައިތުލް މަޤްދިސް ޙިމާޔަތްކުރުމަކީ ވަކި ޤައުމެއްގެ އެކަނި މަސައްކަތުން ވާނެ ކަމެއް ނޫނެވެ. އެކަމަށް ބޭނުންވަނީ އިސްލާމީ އުންމަތާއި މުޅި ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ބަދަހި ގުޅުމާއި ސާބިތުކަމެވެ. ފަލަސްޠީނުގެ މުސްތަޤިއްލު ދައުލަތެއް ޤާއިމުވެ، އެ ރައްޔިތުންނަށް އަމާންކަމާއެކު އަމިއްލަ ފަސްގަނޑުގައި ދިރިއުޅުމުގެ ފުރުޞަތު ލިބެންދެން، މި އަޑު އިތުރަށް ގަދަކޮށް، ޢަމަލީ ފިޔަވަޅުތައް ވަރުގަދަކުރަންޖެހެއެވެ.

.jpg?w=3840&q=75)



.jpg?w=3840&q=75)


