
.jpg?w=3840&q=75)







--
ފަލަސްތީނުގައި ހިންގާ ގަތުލުއާންމު ކުށްވެރިކުރުމަށް ރާއްޖޭގައި ހުންނަ ބޭރު ގައުމުތަކުގެ އެމްބަސީތަކުގެ ކައިރިއަށް އެއްވެ އަޑުއުފުލަމުން ދަނިކޮށް ހައްޔަރުކުރި ޑރ. ޝަޒްރާ އިބްރާހީމާއި އައިޝަތު ޝާދިޔާގެ ބަންދަުގެ މުއްދަތު އިތުރުކޮށްފި އެވެ.
މިދިޔަ އޮގަސްޓް 28 ވަނަ ދުވަހު ހައްޔަރުކުރި ޑރ ޝަޒްރާ އާއި ޝާދިޔާގެ މައްޗަށް ފުލުހުން ކުރަނީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް އަދި ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ ވަކި ސަފީރަކަށް އުނދަގޫވާ ގޮތަށް އަމަލުކުރި ކަމުގެ ތުހުމަތެވެ.
އެދެމީހުންގެ ބަންދަށް ކޯޓުން ފުރަތަމަ ދިން ތިން ދުވަހުގެ މުައްދަތު ހަމަވުމާއި ގުޅިގެން ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މިއަދު ވަނީ ބަންދަށް އިތުރު 5 ދުވަސް ކޯޓުން ދީފައެވެ.
މިކަމާ ގުޅިގެން މީގެ ކުރިން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، އެ ދެ އަންހެނުން ހައްޔަރުކުރީ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ ޚިލާފަށް، ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ، އަޑުގަދަކުރާ ބޭނުންކޮށްގެން ހަޅޭއްލެވުމާއި، ބޭއަދަބީ ބަހުރުވައިން މުއާމަލާތްކުރުމުގެ ސަބަބުން ކަމަށެވެ.
އަދި ޑިޕްލޮމެޓިމް މިޝަންތަކުގެ މަސައްކަތަށް ހުރަސްއެޅޭ ގޮތަށް އަމަލުކުރުމުގެ އިތުރުން ވަކި ސަފީރަކަށް އުނދަގޫކުރުމުގެ އަމަލުތަކެއް އެ މީހުން ހިންގަމުން ގެންދިޔަ ކަމަށް ފުލުހުން ބުންޏެވެ. އެކަމާ ގުޅިގެން ސުލްހަވެރިކަމާއެކު އެ ސަރަހައްދުން ދިޔުމަށް ފުލުހުން އެންގުމުން އެކަމަށް އިންކާރުކޮށް ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއެޅުމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން އެދެމީހުން އޮގަސްޓު 28 ވަނަ ދުވަހުގެ މެންދުރުފަހު އެކެއް ޖަހައި އެހާކަންހާއިރު ހައްޔަރުކުރީ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. މި އަމަލުތަކާ ގުޅިގެން، އެގޮތަށް އަމަލު ނުކުރުމަށް އެކި ފަހަރުމަތިން ޝާދިޔާ އާއި ޝަޒުރާއަށް ނަސޭހަތްދީފައިވާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ވަނީ އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ހުރުމަތްތެރިކޮށް ހިތުމަށާއި ފުލުހުންގެ އިރުޝާދުތަކަށް ތަބާވުމަށް އިލްތިމާސްކޮށްފައެވެ.
ޝާދިޔާ އާއި ޝަޒްރާ އަކީ ފަލަސްތީނުގެ ހައްގުގައި ވަކާލާތު ކުރަމާއި އިޒްރޭލުގެ ޕާސްޕޯޓް މަނާކުރުމާއި އެ ގައުމުން ހިންގާ ގަތުލުއާންމަށް ތާއީދު ކުރާ ބްރޭންޑުތައް ބޮއިކޮޓް ކުރަން ރާއްޖޭގައި ހަރަކާތްތައް ރޭވުމާއި ހިންގުމުގައި އިސްކޮށް އުޅޭ ދެ މީހުންނެވެ.

.jpg?w=3840&q=75)



.jpg?w=3840&q=75)


