








ފަލަސްޠީނުގެ ރައްޔިތުން ޣައްޒާއިން، ނެރުމަށް އިސްރާއީލު ސަރުކާރުން ބާރުއެޅުން ރާއްޖެއިން ކުށްވެރިކޮށްފިއެވެ.
ދިވެހި ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ޚިލާފަށް ފަލަސްޠީނުގެ ރައްޔިތުން ޣައްޒާއިން، ނެރުމަށް އިސްރާއީލު ސަރުކާރުން ބާރުއަޅަމުންދާ ދިޔުން، ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
ގަދަކަމުން ފަލަސްޠީނުގެ ރައްޔިތުން ޣައްޒާއިން ނެރުމަށްޓަކައި ޔަހޫދީ އިސްރާއީލުގެ ސަރުކާރުގެ ވަޒީރުން ރޭވުންތެރިކަމާއެކު ކުރަމުންދާ ނޭއްގާނީ މަސައްކަތް ވެސް ވަނީ ކުށްވެރިކޮށްފައެވެ. އަދި އިސްރާއީލުގެ ވެރިންގެ އެފަދަ ވާހަކަތަކަކީ ބައިނަލްއަޤުވާމީ މުޢާހަދާތަކާއި ޤާނޫނުތަކާއި ޚިލާފުވުންކަމަށާއި މެދުއިރުމަތީގައި ހަމަޖެހުން ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއެޅޭނެ ކަމެއްކަމުގައި ވެސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވެއެވެ.
މީގެއިތުރުން ފަލަސްޠީނުގައި އިސްރާއީލުން އަތްގަދަކޮށްފައިވާ ސަރަޙައްދަކުން ވެސް އަދި އެނޫންވެސް ފަލަސްޠީނުގެ އެއްވެސް ބިމަކުން ފަލަސްޠީނުގެ ރައްޔިތުން ގަދަކަމުން ބޭރުކުރުމަށް ހިންގާ އެއްވެސް ޢަމަލެއް ރާއްޖެއިން ބަލައިނުގަންނާނެކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
ފޮރިން މިނިސްޓްރީގެ ބަޔާނުގައި ޣައްޒާއަކީ ހިފާފައިވާ ފަލަސްޠީނުގެ އިރުމަތީ ޤުދުސާއި ހުޅަނގު އައްސޭރީގައި ހިމެނޭ މުހިއްމު ބައެއްކަމަށާއި، އެއްވެސް ފަރާތަކަށް ނިގުޅައިނުގަނެވޭނެ ޙައްގެއްގެގޮތުގައި އަމިއްލަ ވަޒަނުގައި ތިބުމުގެ ޙައްގު ފަލަސްޠީނުގެ ރައްޔިތުންނަށް ލިބިގެންވާކަމަށެވެ. އަދި ފަލަސްޠީނުގެ ބިންތަކުން އެޤައުމުގެ ރައްޔިތުން ގަދަކަމުން ނެރުމަށް އިސްރާއީލުން ހިންގަމުންދާ ޖަރީމާތައް ހުއްޓުވުމަށް، ބައިނަލްއަޤުވާމީ މުޖުތަމައަށް ވަނީ ގޮވާލާފައެވެ.
ޚާއްސަކޮށް އދ.ގެ ސެކިއުރިޓީ ކައުންސިލަށް ރާއްޖެއިން މިފަދައިން ގޮވާލާ، އިންސާފު ޤާއިމުކޮށް، ބައިނަލްއަޤުވާމީ ޤާނޫނުތައް ތަންފީޒުކުރުމަށާއި، ފަލަސްޠީނު ރައްޔިތުންގެ ޙައްގުތައް ކަށަވަރުކުރުމަށް ވެސް ރާއްޖެއިން ގޮވާލިއެވެ.








